އެއް ކޮޓަރީގެ ފުލެޓު ލިބުނު މީހުންނަށް ހައުސިން ސްކީމްތަކަށް ކުރިމަތިލެވޭ ގޮތް ހަދައިފި

މުހައްމަދު ޖަމްޝަތު | 5 ގަޑިއިރު ކުރިން - 16 ޑިސެންބަރު 2025 23:07
ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ---ފޮޓޯ: ރައީސް އޮފީސް
ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އެއް ކޮޓަރި ލިބިފައިވާ މީހުން، މިހާރުގެ ފުލެޓު ދޫކޮށް ތިން ކޮޓަރީގެ ފުލެޓަށް ބަދަލުވެވޭ ގޮތަށް އުސޫލު އާންމުކުރިކަން ރައީސް އިއުލާނުކުރެއްވި

އެއް ކޮޓަރީގެ ފުލެޓު ލިބުނު މީހުންނަށް ހައުސިން ސްކީމުތަކަށް ކުރިމަތިލެވޭ ގޮތަށް ހަދާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފިއެވެ.

ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މީގެކުރީގެ ހައުސިން ސްކީމަކުން، އެއް ކޮޓަރީގެ އެޕާޓަމަންޓް ލިބިފައިވާ ފަރާތެއް ނަމަ މިހާރު އޮންނަ ގޮތުން އިތުރު ސްކީމަކަށް ކުރިމަތި ނުލެވޭކަމަށެވެ. އަދި މިއީ ވަރަށް ގިނަ ބައެއްގަ ކަންބޮޑުވުމަކަށްވުމުން އެކަން ސަރުކާރުން މިހާރު ބަދަލުކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

""ތިން ކޮޓަރި ފްލެޓަށް ދެވޭގޮތަށް އެ އުސޫލު އެވަނީ މިގޮތަށް ބޭއްވުނު ބައްދަލުވުން ތަކުގެ ތެރެއިން ރައްޔިތުން ހުށަހެޅި ހިޔާލު ބަލައިގަނެވި އެބަދަލު ގެނެސްދީފައި، އެއްކޮޓަރީގެ ފްލެޓު ލިބިގެން ތަންކޮޅެއް ކުރީ ޒަމާނެއްގައި ފްލެޓު ލިބިފައިވާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެ. ކުރިމަތިލައި ހޮވިއްޖިއްޔާ އެތަން ދޫކޮށްލާފައި ލިބޭ ތަނަށް ދެވޭ ގޮތަށް އެވަނީ އުސޫލަށް އިސްލާހު ގެނެވިފައި،" ރައީސް ވިދާޅުވިއެވެ.

އެ ގޮތުން، މިދިޔަ ނޮވެންބަރު 16 ގައި އިފުތިތާހުކުރި "އެންމެންނަށް ބޯހިޔާވަހިކަން" ސްކީމަށް އެއް ކޮޓަރީގެ ފުލެޓު ލިބިފައިވާ މީހުންނަށް ފޯމު ހުށަހެޅޭ ގޮތަށް އުސޫލު ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އާއިލާގެ މެމްބަރުން އިތުރުވެ، އެއް ކޮޓަރީގެ އެޕާޓްމަންޓުގައި ދިރިއުޅެން ދަތިވި ނަމަވެސް، ހައުސިން ސްކީމްތަކަށް ޝަރަތު ހަމަނުވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޅި ރާއްޖެއަށްބަލާއިރުވެސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. މިކަމަށް ހައްލު ގެނައުމަށްސަރުކާރުން އަތޮޅުތަކާއި މާލެ ސަރަހައްދުގައި ގިނަ މަޝްރޫއުތަކެއް ހިންގުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ.

"ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ފުރަތަމަ ސްކީމްގެ ދަށުންވަނީ މާލެ ސަރަހައްދުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. މި ސްކީމްގައި ހިމަނައިގެން 15،000 ގޯއްޗާއި 7،500 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުން އަގުހެޔޮކޮށްރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%