އެމެރިކާގެ ޕްލޭނަށް ޙަމާސް ރުހެނީ ކީއްވެ؟ ސިއްރަކީ ކޮބާ؟

ޢަބްދުﷲ ޖުނައިދު | 30 ދުވަސް ކުރިން - 16 ޑިސެންބަރު 2025 12:42
ޙަމާސްގެ ސިންވާރު (މ) އަވަހާރަކޮށްލީ އިސްރާއީލާއި އެމެރިކާއިން. ޙަމާސް ދުލެއް ނުދޭނެ ކަމަށް ޚާމަނާއީ(ވ) ޤަބޫލުކުރޭ
ޙަމާސްގެ ސިންވާރު (މ) އަވަހާރަކޮށްލީ އިސްރާއީލާއި އެމެރިކާއިން. ޙަމާސް ދުލެއް ނުދޭނެ ކަމަށް ޚާމަނާއީ(ވ) ޤަބޫލުކުރޭ
ޚުލާސާ

38 ވަނަ އަހަރީދުވަސް ފާހަގަ ކުރަމުން އިއްޔެ ޙަމާސް އިން ބުނީ ޣައްޒާ ރައްޔިތުންނަށް މަޖުބޫރުކޮށްގެން ޣައްޒާ ބަދަލެއް ނުކުރެވޭނެ ކަމަށް

ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރުތައް އަތުލައި މުޅިން އެހެން ސިސްޓަމަކަށް ޣައްޒާ ތަރައްޤީކޮށް ޣައްޒާގެ ބިންތައް އެހެން ޤައުމުތަކުގެ މީހުންނަށް ލިބޭނެ ގޮތަށް އިސްރާއީލާއި ގުޅިގެން އެމެރިކާ އިން ޕްލޭނެއް ރާވާފައިވާއިރު، އެ ޕްލޭން މިހާރު ވަނީ މަޑުޖައްސާލާފައި ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އަދި ޣައްޒާގައި އިސްރާއީލާއި އެމެރިކާއިން ރުހޭ (ޕެންޓަގަން އިން ހިންގާ) ސަރުކާރެއް ޤާއިމް ކުރުމަށް ރާވާފައިވާއިރު، ޙަމާސް އިން އިއްޔެ ބުނީ ޣައްޒާގައި ވެރިކަން ކުރާނެ ބަޔަކު ކަނޑައަޅާނީ ހަމައެކަނި ފަލަސްތީނުގެ ރައްޔިތުންނެވެ.

ހަނގުރާމަ ހުއްޓައިލުމުގެ ކުރިން ޙަމާސް އިން ވަނީ ބާރުތައް ދޫކޮށްލައި ހަތިޔާރު ވެސް ބަހައްޓާނެ ކަމަށް ބުނެފައެވެ. ހަނގުރާމަ ހުއްޓައިލީ އޭގެ ދުވަސްކޮޅެއް ފަހުންނެވެ. ޓްރަމްޕް ވިދާޅުވީ “އަދި ދުވަސްކޮޅަކަށް ހަތިޔާރު ގެންގުޅުމުގެ ހުއްދަ ޙަމާސް އަށް ދީފައިވާ” ކަމަށެވެ.

ޣައްޒާ ހަނގުރާމަ ހުއްޓައިލިއިރު މި ވަނީ ޙަމާސްގައި ތިބި ޔަހޫދީންނާއި ދެކޮޅު އެންމެ ވަރުގަދަ އެތައް ލީޑަރުންތަކުގެ ފުރާނަތައް ވެސް ދުއްވާލާފައެވެ. މިކަން ކޮށްފައި ވަނީ ޙަމާސްގެ ތެރެއިން އިސްރާއީލާއި ގުޅިފައިވާ ބަޔެއްގެ މަދަދު ލިބިގެން ކަމެއް ނުވަތަ ނޫން ކަމެއް އަދި އަދާއި ހަމަޔަކަށް ޔަޤީނެއް ނުވެއެވެ.

ޙަމާސް އަކީ ޔާސިރު އަރަފާތުގެ ފަތަޙަ ޖަމާޢަތުން އުފެދުނު PLOގެ ބާރު ކަނޑުވާލައި ފަލަސްޠީނުގެ އެތެރެ ބައިބައިކޮށްލުމަށް 1980 ގެ އަހަރުތަކުގައި ޔަހޫދީން އެކުލަވައިލި ޕްލޭނަކުން އުފެދުނު ޖަމާޢަތެކެވެ. ޙަމާސް އުފައްދައި ޕީއެލްއޯގެ ލީޑަރުންގެ ފުރާނަތައް ދުއްވައިލުމަށް އިސްރާއީލުން ރޭވިއެވެ. ރައީސް ޔާސިރު ޢަރަފާތު އަވަހާރަކޮށްލީ ހަށިގަނޑަށް ވިހަ މާއްދާއެއް ފޮނުވާލައިގެންނެވެ. ކޮންމެޔަކަސް އެއަށްފަހު ފަލަސްޠީނުގައި އިންތިޚާބެއް ބާއްވައި އެ އިންތިޚާބު ޙަމާސް އިން ކާމިޔާބުކޮށް ފަލަސްޠީނުގެ އެތެރެ ގަޑުބަޑުކޮށްލިއެވެ. ޕީއެލްއޯއާއި ގުޅުން ހުރި މީހުންނާއި ޙަމާސް އާއި ދެމެދު ކުރިމަތިލުންތައް ހިނގައި ގާތްގަނޑަކަށް 400 އާއި 600 އާއި ދެމެދުގެ ޢަދަދަކަށް ފަލަސްޠީނު ރައްޔިތުންގެ ފުރާނަ ގެއްލުނެވެ. މި ގޭމު ކުޅުނީ އިސްރާއީލުންނެވެ. މި ހަނގުރާމަ ނިމުނީ 2007 ވަނަ އަހަރު ޙަމާސް އިން ޣައްޒާގެ ކޮންޓްރޯލް ނަގައި، ޕީއެލްއޯ އިސްވެ އޮވެ ފަލަސްތީނު އޮތޯރިޓީން ހުޅަނގު އައްސޭރީގެ ކޮންޓްރޯލް ނެގުމަށްފަހު ފަލަސްޠީނުގެ އެތެރޭގައި ދާޚިލީ ހަނގުރާމައެއްގެ “ގޭޓެއް” ހުޅުވާލައިގެންނެވެ. ޙަމާސް އަކީ މިއަދު ޙައްޤަށް މަސައްކަތްކުރާ ޖަމާޢަތެއް ކަމަށް އެ ޖަމާޢަތުން ބުނާއިރު މަހްމޫދު ޢައްބާހާއި އިސްރާއީލާއި ބެސް ވަރަށް ރަނގަޅު ކަނެކްޝަނެއް އުފެދުނެވެ. ނަމަވެސް މިހާރު އެ ކަނެކްޝަނަށް ވަނީ ބުރޫ އަރާފައެވެ.

ޙަމާސް އާއި ޔާސިރު ޢަރަފާތުގެ ޕީއެލްއޯ އާއި މަހްމޫދު ޢައްބާސްގެ ޖަމާޢަތާއި ދެމެދު ޙަމަލާތައް ހިންގަން ފެށުމުގެ އަޑީގައި އޮތީ އިސްރާއީލް.

ޙަމާސް އަށް 38 އަހަރު ފުރުމުގެ މުނާސަބަތުގައި އިއްޔެ އެ ޖަމާޢަތުން ބުނެފައިވާ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ވުޖޫދުން ފޮހެލުމަށް އިސްރާއީލުން ރާވާފައިވާ ގޮތާއި އިރުމަތީ ޤުދުސް އަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ހަދައި މިނިވަން ދައުލަތެއް ފަލަސްޠީނުގައި ޤާއިމްވިޔަ ނުދިނުމަށް އިސްރާއީލުން ރާވާފައިވާ ކަންކަމާއި ކުރިމަތިލުމަށް ފަލަސްޠީނުގެ ރައްޔިތުންގެ އެއްބައިވަންތަކަން ކޮންމެހެން ބޭނުމެވެ.

ޙަމާސް އިން މިހެން ބުނި ކަމުގައި ވިޔަސް، ހަތިޔާރުތައް ދޫކޮށްލައި، ޣައްޒާގައި އެމެރިކާއިން ރުހޭ ސަރުކާރެއް އުފެއްދުމަށް ޙަމާސް އިން އެއްބަސްވުމާއި އެކު އެ ޖަމާޢަތަށް ފަލަސްޠީނުގެ ބައެއް ރައްޔިތުންގެ ތާޢީދު ވަނީ ގެއްލިފައިކަން ވެސް ފާހަގަ ކުރެވެއެވެ.

އެހެންނަމަވެސް ޙަމާސް އިން ބުނަނީ އެ ޖަމާޢާތް އޮތީ ޙައްޤުގެ ގޮތުގައި ކަމަށާއި މިވަގުތު އެ ޝަރުޠުތަކަށް އެއްބަސް ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައެވެ. އަދި ޖިހާދު ކުރުމުގައި ދެމިތިބޭނެ ކަމަށާއި، ނަމަވެސް، އެއީ އިސްރާއީލުން ޣައްޒާއަށް ޙަމަލާ ދޭކަމުގައި ވާނަމައެވެ.

ހަމާސްއިން ބުނީ ދެއަހަރުގެ ހަނގުރާމައިގައި ވެސް އިސްރާއީލުގެ އަސްލު އަމާޒު ޙާޞިލް ނުކުރެވުނު ކަމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ޢަމަލުކުރާނެ ކަމަށާއި، މިހިނދުންމިހިނދަށް ބޭނުންވަނީ ޣައްޒާގެ ރައްޔިތުންނަށް އަޅާފައިވާ ހުރިހާ ހުރަހެއް ނައްތާލައި ހިޔާވަހިކަންދީ ޣައްޒާ އަލުން ބިނާކުރުމުގެ ޕްލޭންތައް ވަގުތުން ތަންފީޛުކުރުމަށެވެ.

ހަނގުރާމަ ހުއްޓާލަން އެއްބަސްވި ފަހުންވެސް އިސްރާއީލުން ވަނީ ފަލަސްޠީނުގެ އެތައް ސަތޭކަ ބަޔަކު މަރާލާފަ ނުވަތަ ޝަހީދުކޮށްލާފައެވެ.

ފަލަސްޠީނުގައި ޖިހާދުކުރާ ވަރަށް ގިނަ ޖަމާޢަތްތަކެއް ވެއެވެ. އަދި މެދުއިރުމަތީގައި ވެސް މުސްލިމުން ބައިބައިކޮށްލަން މުސްލިމުންގެ ގޮތުގައި ތިބޭ އިސްރާއީލާއި އަދި އެމެރިކާ ފަދަ “ޝައިޠާނުންގެ” ޕްލޭނާއި އެއްގޮތަށް މަސައްކަތްކުރާ ވަރަށް ގިނަ ޖަމާޢަތްތަކެއް ވެއެވެ. މިއީ ސިޔާސީ މުޑުދާރު ގޭމެވެ. އެއްކަލަ ބުނާ ޑަރޓީ ޕޮލިޓިކްސްގެ ބައެކެވެ.

މިއަދު އިސްރާއީލަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ އީރާން ކަމަށް ވާއިރު އީރާނުގެ މަދަދު ޙަމާސް އަށް ލިބެއެވެ. ޙަމާސް އާއި ދެކޮޅަށް އިސްރާއީލުން ކުރި ހަނގުރާމައިގައި ލުބުނާނުން ފޮނުވި ޙަމަލާތަކާއި ޔަމަނުން ފޮނުވައިލި ޙަމަލާތަކުގައި ޚާމަނާއީގެ ދައުރު ބޮޑުއިރު ޙަމާސް އިން ބުނީ ޣައްޒާގެ މައްޗަށް ބޭރުގެ އެއްވެސް ކަހަލަ ބާރެއް އޮންނާކަށް ޤަބޫލެއް ނޫނެވެ. އެހެންނަމަވެސް، ފާހަގަކޮށްލަން ޖެހޭ ޙަޤީޤަތަކީ ޣައްޒާ އަލުން ބިނާކުރުމަށް ހަމަޖެހިފައި ވަނީ ބައިނަލްއަޤްވާމީ ޞުލްޙައިގެ ޖަމާޢަތުގެ ނަމުގައި ފޯސް އެއް ފަލަސްޠީނަށް ފޮނުވައި، ޣައްޒާގެ ވެރިކަން އެމެެރިކާގެ ސަރުކާރުން އެކުލަވާލާ ބޮޑީ އަކާއި ޙަވާލުކުރުމަށްފަހުގައެވެ.

އަލްޤައިދާ އަކީ އެމެރިކާ އާއި ހުޅަނގާއި ދެކޮޅަށް އެންމެ ވަރުގަދަ ޖިހާދެއްކޮށް އެ ޖަމާޢަތުގެ ތެރެއިން އުފެދުނު ގޮތްޕަކުން ސީރިއާގެ ވެރިކަން އަތުލި މީހުން ކަމަށް ވާއިރު، މިއަދު ސީރިއާ އަކީ އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް އޮތް ބަޔަކަށް ވެފައި، ޙަމާސް އަކީ މިއަދު އިސްރާއީލާއި ދެކޮޅަށް އެންމެ ވަރުގަދަ ޖިހާދެއް ކުރަމުންދާ ޖަމާޢަތް ކަމަށް ވާއިރު ކުރިމަގާއި ފޮރުވިފައިވާ ސިއްރުތަކަކީ ކޮބައި ކަމެއް ނޭނގެއެވެ؟ ޙައްޤަށް ނަޞްރު ދެއްވާނެއެވެ. ޙަމާސް ދެކެ މުސްލިމުން އިންތިހާ އަށް ލޯބިވާއިރު އެ ޖަމާޢަތުގެ ސަބަބުން އިސްރާއީލު ސައިޒުކޮށްލުމަކީ ގިނަބަޔަކު އުފާވި ކަމެކެވެ. ނަމަވެސް ޙަމާސްގެ ހަތިޔާރުތައް ބެހެއްޓުމަކީ ގިނަ މުސްލިމުން ދެކޮޅު ހަދާ ކަމެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%