އައިއެސްއެފް މެދުވެރިކޮށް އަންނަ އަހަރު ޙަމާސް ނައްތާލާނެ: ނަތަންޔާހޫ

ޢަބްދުﷲ ޖުނައިދު | 31 ދުވަސް ކުރިން - 15 ޑިސެންބަރު 2025 21:39
ޓްރަމްޕުގެ ޕްލޭނުގައިވާ ގޮތަށް ޙަމާސް “ނައްތާލާނީ” އައިއެސްއެފް އިން ކަމަށް ނަތަންޔާހޫ ބުނެފި.
ޓްރަމްޕުގެ ޕްލޭނުގައިވާ ގޮތަށް ޙަމާސް “ނައްތާލާނީ” އައިއެސްއެފް އިން ކަމަށް ނަތަންޔާހޫ ބުނެފި.
ޚުލާސާ

ޙަމާސް އަކީ ހަތިޔާރު ނެތް ބަޔަކަށް ހެދުމުގެ ޕްލޭނާއި އެއްގޮތަށް އައިއެސްއެފް ގެ ފައުޖު އަންނަ އަހަރު ރުކުރުވާލާނެ ކަމަށް އެމެރިކާ އިން ބުނޭ

ޣައްޒާގައި އިސްރާއީލުން ހިންގި ޤަތުލުޢާންމު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވައިލި ޕްލޭނުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ އިންޓަރނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައިއެސްއެފް) ގެ މަސައްކަތް ރަސްމީކޮށް ހިނގާނެ ގޮތްތަކާއި އަދި ކަންކަން ބަލަހައްޓާނެ ބޯޑު އަންނަ އަހަރުގެ ކުރީކޮޅު އިޢުލާން ކުރާނެ ކަމަށް އެމެރިކާ އިން ބުނެފިއެވެ. މި ބޯޑުގެ ޗެއާމަނަކަށް ކުރިން ނިންމާފައިވަނީ އިނގިރޭސީވިލާތުގެ ޓޯނީ ބްލެއާ ހަމަޖެއްސުމަށެވެ. ނަމަވެސް ޢަރަބީންގެ ފިއްތުންތަކާއި ގުޅިގެން އެ މަޤާމަށް ބްލެއާ ނުލުމަށް ޓްރަމްޕް ވަނީ ނިންމާފައެވެ.

އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި ޓްރަމްޕްގެ ޣައްޒާ ސުލްޙައިގެ ޕްލޭންގެ ދެވަނަ ފިޔަވަހީގައި އައިއެސްއެފްގެ ބޭނުމަކީ ޙަމާސް އާއި ދެކޮޅަށް ހަނގުރާމަ ކުރުމެއް ނޫން ކަމަށާއި މިހާރު އިސްރާއީލުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަޙައްދުތައް ހަމައަކަށް އެޅުވުމެވެ. އަދި މި މަސައްކަތް ކުރިޔަށް ދާނީ ފަލަސްޠީނުގެ ފުލުހުންނާއި ގުޅިގެންނެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ އެމެރިކާ އިން އެ ބުނާ ފަލަސްޠީނުގެ ފުލުހުންނަކީ ސީދާ މިކަމަށްޓަކައި އެމެެރިކާއިން ހޮވާލާފައިވާ މުޅިން އާ ބައެކެވެ. ފަހަރެއްގައި ވެސް ޙަމާސް އާއި އެއްވެސް ވަރަކަށް ގުޅުން އޮތް ބައެއް ނޫނެވެ. އެމެރިކާ އިން މިހާރު ކުރަމުންދާ މަސައްކަތަކީ އެ ފޯސް ތައްޔާރުކުރުމެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެ ފޯސްއަކީ އިސްރާއީލުން ރުހޭނެ ފޯސް އެކެވެ.

ޙަމާސް އިން ބުނާ ގޮތުގައި އެމީހުންގެ ހަތިޔާރުތައް ދޫކޮށްލައި ޔަހޫދީންގެ އަތްދަށުވާކަށް އެމީހުނެއް ބޭނުމެއް ނުވެއެވެ. ނަމަވެސް، ފަލަސްޠީނުގައި މިނިވަން ދައުލަތެއް އުފައްދައިފި ނަމަ ހަތިޔާރު ދޫކޮށްލާނެ ކަމަށް ޙަމާސް އިން ބުނެއެވެ.

މީގެ ކުރިން ޙަމާސް އިން ވަނީ ހަތިޔާރު ދޫކޮށްލާނެ ކަމަށް އެއްބަސް ވެފައެވެ. ނަމަވެސް އޭރުވެސް ޝަރުޠުތަކެއް ހުއްޓެވެ. އެހެންކަމުން ޙަމާސްގެ އޭރުގެވެސް ޝަރުޠަކީ ހަނގުރާމަ ހުއްޓާލައި ފަލަސްޠީނުގައި ދައުލަތެއް ޤާއިމް ކުރެވިއްޖެ ނަމަ ހަތިޔާރުތައް ދޫކޮށްލާނެ ކަމެވެ. އެހެންކަމަށް ވާނަމަ، (ޔަޣްނީ) ޙަމާސްގެ ހަތިޔާރުގެ ބަދަލުގައި ވުޖޫދުވާނީ ފަލަސްޠީނުގެ ދައުލަތުގެ ހަތިޔާރެވެ.

ޙަމާސް އިން ދައުލަތެއް ޤާއިމްކުރުމަށް އުންމީދު ކުރަމުން ދާއިރު، ޒައެނިސްޓު ވެރިޔާ ބުނީ ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމް ކުރުމަކީ ހަމަ ހިލައި ނުކުރެވޭނެ ކަމެއް ކަމަށާއި އައިއެސްއެފް އިން ޙަމާސް ރޫޅާލާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. މި މަސައްކަތްތަކަށް އިންޑޮނޭޝިއާގެ ސިފައިންގެ އެހީތެރިކަން ލިބޭނެ ކަމަށް ނަތަންޔާހޫ ބުނެއެވެ.

ބައިނަލްއަޤްވާމީ ޞުލްޙައިގެ ފައުޖާއި ގުޅުމަށް އިންޑޮނޭޝިއާ އިން ވަނީ 20،000 ސިފައިންގެ ފައުޖެއް ފަލަސްޠީނަށް ފޮނުވުމުގެ ޝައުގުވެރިކަން އޮތް ކަމަށް ބުނެ އެ ފައުޖު ވެސް ތައްޔާރު ކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%