ލ.ގަން ފެނަކަ އިންޖީނުގޭގައި އަލިފާން ރޯވެ މުޅި ރަށުން ކަރަންޓު ކެނޑިއްްޖެ އެވެ.
ފުލުހުން ބުނިގޮތުގައި ފެނަކަ އިންޖީނުގޭގައި އަލިފާން ރޯވީ މިއަދު 14:50 ހާއިރު ކަމަށެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ކުރަމުންދާ ކަމަށް ބުންޏެވެ.
އެނގިފައިވާ ގޮތުގައި ފުރަތަމަ އަލިފާން ރޯވީ އިންޖީނުގޭގެ ޕެނެލް ބޯޑެއްގަ އެވެ. އެ އަލިފާންގަނޑު ކޮންޓްރޯލްނުވެ މިހާރު މުޅި އިންޖީނުގެއަށް އަލިފާން ވަނީ ފެތުރިފަ އެވެ.
ފެނަކައިން ހާމަކުރި ގޮތުގައި އިންޖީނުގޭގެ 80 އަށް ވަނީ ގެއްލުންވެފައެވެ. އަދި އަލިފާނުގެ ސަބަބުން އިންޖީނު ގޭގައި ހުރި ފަސް އިންޖީނުގެ ތެރެއިން، ދެ އިންޖީނު މުޅިން ބޭނުން ނުކުރެވޭވަރަށް ވަނީ އަނދައިފައެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ގަމާއި ގުޅިފައިވާ ހުރިހާ އަވަށްތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. މީގެތެރޭގައި ފުނަދޫ ނުހިމެނެއެވެ. ފެނަކައިން ބުނީ ކަރަންޓު ދޭން ދެ ދުވަހުގެ މުއްދަތެއް ނަގާނެކަމަށް އަންދާޒާކުރެވޭކަމަށެވެ.






