ލ. ގަމުގައި ސަރުކާރުން ކުރިއަށްގެންދާ 100 ހައުސިންގް ޔުނިޓު އެޅުމުގެ މަޝްރޫއުގެ 95.5 އިންސައްތަ މަސައްކަތް ނިމިއްޖެ އެވެ.
މި މަޝްރޫއާ ގުޅޭގޮތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާއިން ބުނީ، ގަމުގައި އިމާރާތްކުރާ 100 ހައުސިންގް ޔުނިޓުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޔުނިޓްތަކުގެ އެންމެ ފަހުގެ ފިނިޝިންގް މަސައްކަތްތައް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވަނީ 1،000 އަކަފޫޓުގެ 3 ކޮޓަރީގެ ހައުސިންގް ޔުނިޓްތަކެކެވެ. މިއިން ކޮންމެ ޔުނިޓެއްގައި ކޮންމެ ކޮޓަރިއަކަށް ފާހާނާއަކާއި، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ވަނީ ހިމަނާފަ އެވެ.
މި މަޝްރޫއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާ މި 100 ހައުސިންގ ޔުނިޓު ހާއްސަކުރެވޭނީ ހަމައެކަނި ގަމުގެ ރައްޔިތުންނަށް ކަމަށެވެ. އަދި ރަށުން ބޭރު މީހުންނަށް އެއިން ޖާގަ ނުދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފަ އެވެ.
"މިހާރު އަޅަމުންދާ 100 ޔުނިޓާ ބެހޭގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުން، ސަރުކާރުގެ ސިޔާސަތު މިކަމުގައި. މި ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުން. މި 100 ހައުސިންގް ޔުނިޓު މިހާރު ނިމުމަކާ ހަމައަށް އެދަނީ. ނިމުނީމަ، އެ 100 ޔުނިޓު އެކީގައި ކަނޑައެޅިގެންދާނީ މި ރަށުގެ ރައްޔިތުންނަށް. ރަށުން ބޭރުން މީހުން ބަދަލުކުރުމަކަށް، އެ 100 ޔުނިޓަކުންނެއް އަޅުގަނޑުމެން ކަނޑައެއްނާޅާނަން. ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ގެންދަނީ." ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ގަމުގައި އިތުރު 100 ހައުސިންގް ޔުނިޓު އެޅުމުގެ މަސައްކަތް އެޗްޑީސީ އާ މިހާރު ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި އެހެން ފަރާތަކާ ހަވާލުކޮށްގެން އިތުރު 100 ޔުނިޓުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ ލ. ގަމުގައި މަރުހަލާތަކަކަށް ބަހާލައިގެން ޖުމްލަ 500 ހައުސިންގް ޔުނިޓުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންގޮސް، ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.









