ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ހަވާލުކުރިކަމުގެ ލިޔުން މިހާރު 'ހިޔާވެހި ޕޯޓަލް' މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ގުޅިފަޅުން މުޅި ޖުމްލަ 3,548 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް 3,086 ގޯތީގެ ރަޖިސްޓްރީ ދޫކޮށް ނިމިފައިވާއިރު، މިއީ މުޅި މަޝްރޫއުގެ 87 އިންސައްތައެވެ. އަދި މީގެ އިތުރުން، 1,393 ގޯތި (39.3 އިންސައްތަ) މިހާރު ވަނީ ގޯތި ލިބުނު ފަރާތްތަކާ ހަވާލުކޮށްފައެވެ.

މި ސިޔާސަތުގެ ދަށުން ބިން ލިބިފައިވާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމަށާއި، ގެދޮރުވެރިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.