މިއަހަރު ނިމުމުގެ ކުރިން ވެލާނާ އެއާޕޯޓްގައި ޒަމާނީ އީގޭޓްތައް ބޭނުންކުރަން ފަށާނެ: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 16 ދުވަސް ކުރިން - 19 ނޮވެންބަރު 2025 19:48
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު އީގޭޓްތައް ހަރުކުރުމުގެ މަސައްކަތް ކުރިއަތް ދަނީ
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު އީގޭޓްތައް ހަރުކުރުމުގެ މަސައްކަތް ކުރިއަތް ދަނީ
ޚުލާސާ

ރާއްޖޭގެ އެހެނިހެން އިންޓަރނޭޝަނަލް އެއާޕޯޓްތަކުގައިވެސް 2026 ވަނަ އަހަރު މިފަދަ އީގޭޓްތައް ހަރުކުރެވި، ބޭނުންކުރަން ފެށޭނެކަމުގައި ރައީސް ވަނީ ވިދާޅުވެފައި.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގައި، މި އަހަރު ނިމުމުގެ ކުރިން އެންމެ ޒަމާނީ އީގޭޓްތައް ހަރުކުރެވި، ބޭނުންކުރަން ފަށާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިކަމުގެ ސަބަބުން ދިވެހިންނާއި ފަތުރުވެރިން ބޯޑަރ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ކިއުގައި ހޭދަކުރަންޖެހޭ ދަތިކަން ނިމުމަކަށް އަންނާނެކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ވެލާނާ އެއަޕޯޓުގައި ބޭނުންކުރައްވާ ފަރާތްތަކަށް ލުއިފަސޭހަ ކުރުމުގެ ގޮތުން، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗާތައް ހިމެނޭ އީގޭޓްތައް އައު ޓާމިނަލުގައި ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

މި ގޭޓުތަކުގެ ހިދުމަތް ދެވޭނެ ގޮތް ތަފްސީލުކޮށްދެއްވަމުން ރައީސް ވިދާޅުވީ އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑަރު ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިން ކަމަށެވެ. މީގެ އިތުރުން 1 ޖެނުއަރީ 2026 ގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލުގެ އެރައިވަލް އަދި ޑިޕާޗަރ ހިމެނޭހެން، ކޮންމެ ޓާމިނަލްއެއްގައި 10 ގޭޓް ހިމެނޭ ގޮތަށް ޖުމްލަ 20 ގޭޓް ހަރުކުރެވި ބޭނުންކުރަން ފަށާނެ ކަމަށް ވެސް ރައީސްގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

ރާއްޖޭގެ އެހެނިހެން އިންޓަނޭޝަނަލް އެއާޕޯޓްތަކުގައި ވެސް 2026 ވަނަ އަހަރު މިފަދަ އީގޭޓްތައް ހަރުކުރެވި، ބޭނުންކުރަން ފެށޭނެކަމުގައި ރައީސް ވިދާޅުވިއެވެ. މިއީ ޤައުމީ ފެންވަރުގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވީ މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. އެ މަނިކުފާނު ވަނީ މި ގައުމީ ވައިގެ ބަނދަރުގެ އައު ޓާމިނަލް ހުޅުވުމަށްފަހު، ރާއްޖޭގެ އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ކަމަށް ވިދާޅުވެފަ އެވެ.

އައު ޓާމިނަލުގައި ދަތުރުވެރިންނަށް ޒަމާނީ ގިނަ ހިދުމަތްތައް ވަނީ ތައާރަފްކުރެވިފަ އެވެ. މިގޮތުން ޑިޕާޗާ ހޯލުގައި 47 ޗެކިން ކައުންޓަރު ހިދުމަތް ލިބުމާއިއެކު އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ވަނީ ބަހައްޓާފަ އެވެ. މިއީ އައު ޓާމިނަލާއެކު މުޅިން އަލަށް ރާއްޖެއަށް ތަޢާރަފްކުރެވޭ ހިދުމަތެކެވެ. މީގެ އިތުރުން، ސީޕްލޭން ދަތުރުތަކަށް ހާއްސަ 24 ޗެކިން ކައުންޓަރ ވެސް އައު ޓާމިނަލުގައި ޤާއިމް ކުރެވިފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%