"ރަސްމާލެއިން އެކަނިވެސް 25،000 ގޯތި ދޫކުރާނެ"

މުހައްމަދު ޖަމްޝަތު | 17 ދުވަސް ކުރިން - 18 ނޮވެންބަރު 2025 10:30
ރައީސް ޑރ. މުހައްމަދު މުއިއްޒު---ފޮޓޯ:ޚުލާސާ
ރައީސް ޑރ. މުހައްމަދު މުއިއްޒު---ފޮޓޯ:ޚުލާސާ
ޚުލާސާ

މިފަހަރު ދޫކުރަނީ 15،00 ގޯއްޗާއި 75،00 ފްލެޓް، 3 ކޮޓަރީގެ ފްލެޓުތަކުގެ ކުލި 10،000 އަށް ވުރެ ބޮޑުނުވާނެކަމަށް ރައީސް ވިދާޅުވި

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ރަސްމާލެއިން އެކަނިވެސް 25،000 ގޯތި ދޫކުރަން ޕްލޭން ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވަނީ 15000 ގޯއްޗާއި 7500 ފްލެޓް ދޭން ނިންމައި އުސޫލު އިޢުލާނުކޮށްފައެވެ. އަދި އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖެނުއަރީ މަހު ފުރަތަމަ ހަފްތާގައި ހުޅުވާލާނެއެވެ.

ސަރުކާރަށް 2 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިއީ ފުރަތަމަ ބުރުގެ މަސައްކަތްކަމަށާއި ހަމައެކަނި ރަސްމާލެއިން އެކަނިވެސް 25000 ގޯތި ދޭނެކަމަށެވެ. އެއީ 1250 އަކަފޫޓުގެ ގޯތިތަކެވެ. ރައީސް ވިދާޅުވީ، ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ރަސްމާލެ ތަރައްގީކުރާނީ އިކޯ ސިޓީއެއްގެ ގޮތުގައިކަމަށާއި އެކަމަށް ބޭނުންވާ އެކަށީގެންވާ ބިންވެސް ޕްލޭންގައި ހިމެނޭކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމް މިހާ އަވަހަށް އިއުލާނުކޮށް މަސައްކަތްތައް ފެށީ، މި މަޝްރޫއުތައް ފުރިހަމަވާއިރު، އެތަންތަން ލިބޭ މީހުން ކަނޑައަޅާފައި ބޭތިއްބުމަށްކަމަށެވެ.

"5-6 މަހުން ރަސްމާލެ ހިއްކާ ނިމޭނެ. ޖެނުއަރީ 4ގައި މި ހުޅުވާލަނީ ސްކީމްތަކަށް ފޯމު ހުށައަޅަން. ބިން ހިއްކާ ނިމެންވާއިރަށް މި ތަންތަނުން ގޯތި ލިބޭ މީހުން ކަނޑައެޅިފަ ތިބުމަށް ބޭނުންވަނީ. އަދި ފްލެޓް އަޅާ ނިމޭއިރު، ފްލެޓްވެސް ލިބޭ މީހުން ކަނޑައަޅާ ނިންމާފަ ބަހައްޓާނީ. ކަނޑަކުން ގޯއްޗެއް ނުދޭނަން، ހިކިފަސްތަނުން ގޯތި ދޭނީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިލޭ ބިން ދީގެން، ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނި މެދުވެރިކޮށް ތަރައްގީކުރާ 3000 ހައުސިން ޔުނިޓަކީވެސް އިޖުތިމާއީ ބޯހިޔާވަހިކަމަށް ފުރުސަތު ދިނުމަށް ހިންގާ މަޝްރޫއެއްކަމަށެވެ. ބީއެމްއެލްއިން ފެށި މަސައްކަތެކޭ އެއްގޮތަށް، އެމްއެމްއޭގެ ގަވައިދާ އެއްގޮތަށް، އެހެން ބޭންކްތަކުންވެސް ބޯހިޔާވަހިކަމަށް ފުރުސަތުތައް ހުޅުވާލަން ޖެހޭގޮތަށް އޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ފްލެޓްތައް 10000 ރުފިޔައަށްވުރެ އަގު ބޮޑެއް ނުވާނެ. 3 ކޮޓަރީގެ ފްލެޓްތަކެއް މިއީ. އިތުރު 4500 ޔުނިޓަށް ބޭރުގެ އެހީ އެވަނީ ލިބިފައި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަސައްކަތް ގެންދަނީ އާއިލީ ކޮންސެޕްޓަކަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއިން ކޮންމެ ސްކީމެއްގައިވެސް އެންމެ އިސްކަން ދޭނީ އެއްވެސް ގޮތަކަށް ބޯހިޔާވަހިކަމެއް ނެތް މީހުންނަށްކަމަށެވެ. އިތުރު ސްކީމްތަކުން ދޭނީ އެއަށްފަހުގައިކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މުޅި މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. ކުރިއަށް އޮތް 3 އަހަރު މާލެއާއި އަތޮޅުތަކުގައި އަމަލީގޮތުން އެތައް މަޝްރޫއެއް ފެށޭނެކަމަށާއި، ޝަރުތުތަކާ ޕޮއިންޓް ދިނުމުގެ އުސޫލުވެސް ކަނޑައަޅާފަވާނީ އެންމެ، ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް އިސްކަންދޭގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ އެއްވެސް ރައްޔިތަކު މާޔޫސް ނުވުމަށާއި، 18 އަހަރުފުރި އަމިއްލަ އެއްވެސް ބޯހިޔާވަހިކަމެއް ނެތް ކޮންމެ ރައްޔިތަކަށް، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ކޮންމެވެސް އެއް ސްކީމަކުން އެކަން ކަށަވަރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރޭގެ ޖަލްސާގައި ރައީސް ވަނީ މަޝްރޫއުތައް އަވަސްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ސަރުކާރުގެ ސްކީމްތަކުގެ މުހިންމު ތަފްސީލްތަކެއް ހިއްސާކުރައްވާފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން ވައުދުވިގޮތަށް، މީގެ ކުރިން ގޯއްޗާއި ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ މަޝްރޫއުތަކުގައި ދޫކުރާ ބޯހިޔާވަހިކަން އެގޮތުގައި ދިނުމުގެ މަސައްކަތްތައް އުސޫލާ އެއްގޮތަށް ކުރިއަށްދާކަމަށެވެ. އަދި އެއިން އެއްވެސް ލިސްޓަކަށް ބަދަލުނުގެނެސް، ވީ ވައުދާ އެއްގޮތަށް އުސޫލާ އެއްގޮތަށް އެންމެ ހައްގުވެރިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި އެވެ.

ހުޅުމާލެއާއި ގުޅިފަޅުން ދޭން ނިންމި ގޯތިތައް ހަވާލުކޮށްފަވާއިރު، ނުހިއްކާ އޮތް ގިރާވަރު ފަޅުން ދިން ގެތަށް ދިނުމަށް އެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށާއި ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަސައްކަތްވެސް މިއަހަރަށް ނިންމައި އެތަނުން ދޭން ކަނޑައެޅި ގޯތިތައްވެސް ދޭނެކަމަށާއި އެތަންތަން އަތު ނުލާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ހިއްކަމުންދާ ގިރާވަރުފުގެ މަސައްކަތްވެސް އަވަސްކުރަމުންދާކަމަށާއި މިމަހުގެ 23 ވަނަ ދުވަހު އިތުރު ޑްރެޖަރުތައް މި މަސައްކަތައް ރާއްޖެ ގެންނާނެކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%