ހިޔާ އަދި ވިނަރެސް އަށް ނެގި ލޯނުތައް ލުއިކޮށްދޭން ރައީސް އަންގަވައިފި

މުހައްމަދު ޖަމްޝަތު | 19 ދުވަސް ކުރިން - 16 ނޮވެންބަރު 2025 16:17
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުތައް---ފޮޓޯ:ޚުލާސާ
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުތައް---ފޮޓޯ:ޚުލާސާ
ޚުލާސާ

މި ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފަ. ރައީސް ވިދާޅުވީ އޮންނަ އުސޫލުގެ ތެރެއިން ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް

ހިޔާ ފްލެޓާއި ވިނަރެސް ހައުސިން މަޝްރޫއުއާ ގުޅޭ މަސައްކަތްތަކަށް އާއްމު ރައްޔިތުން ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނުތަކަށް ލުއިދިނުމަށް އަންގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ ސޯޝަލް އަދި އެފޯޑަބަލް ހައުސިން މަޝްރޫއުތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް ވުމާއެކު، މި ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް އެބޭންކާއެކު މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

ރައީސް އަންގަވާފަވަނީ، މި ލޯނުތަކުގެ އިންޓްރެކްސް ރޭޓުތައް ލުއި ކޮށްދިނުމަށެވެ.

އެގޮތުން ހިޔާ ފްލެޓްތަކުގެ ފިނިޝިން ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް %12 އިން %10 އަށް ކުޑަ ކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހައްދަވައި ދެއްވުމަށް ބީއެމްއެލްއަށް ވަނި ދަންނަވާފައެވެ.

އަދި ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް %9 އިން %8 އަށް ކުޑަ ކުރުން، އެއީ ކުރެވިދާނެ ކަމެއް ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން މައުލޫމާތު ލިބިފައިވާތީ، އުސޫލުގެ ތެރެއިން މި ބަދަލު ގެނެސް ދެއްވުމަށްވެސް އަންގަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވަނީ، އިޖުތިމާއީ ބޯހިޔާވަހިކަމަށް ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި، ގޯތީގެ ކުލިތައްވެސް ކުޑަކުރެއްވުމަށް ނިންމަވާފައެވެ.

އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް އަތޮޅުތަކުގައި ހުރި ހައުސިން ޔުނިޓްތަކުގެ މަހު ކުލި ވަނީ، 3،330 ރުފިޔާއަށް ކުޑަކުރައްވާފައެވެ. އަދި ހިޔާ ފްލެޓްތަކުން މަހުން މަހަށް ދައްކާ ކުލި 6،300 އިން، 3،984 ރުފިޔާއަށް ވަނީ ކުޑަކުރައްވާފައެވެ.

ވިނަރެސްގެ ޑައުންޕޭމަންޓާއި، ކުލިވެސް ރައީސް ކުޑަކޮށްދެއްވިއެވެ. އެގޮތުން ވިނަރެސް ސްކީމުން ދޫކުރި ފްލެޓްތަކުގެ ޑައުންޕޭމަންޓަށް ދައްކާ އަދަދު %50 އަށް ކުޑަކޮށް، ކުލީގެ އަދަދު އެވަރެޖްކޮށް 4،200 ރުފިޔާ ކުޑަވާ ގޮތަށް ބަދަލުކޮށްދެއްވިއެވެ. މީގެއިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ހައުސިން ޔުނިޓުތަކުގެ ކުލިން %20 ކުޑަ ކޮށްދެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%