ނިމިދިޔަ ސަރުކާރުން އިންތިހާބާ ދިމާކޮށް "ހިއްކަނީ ހިއްކަނީ.. ފަށަނީ ފަށަނީ" ކިޔަ ކިޔައި ތިއްބާ މި ސަރުކާރުން ކ. ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައި ހަތް މަސްދުވަސް ތެރޭގައި ނިންމައި ނިމުން ފާހަގަކޮށްފި އެވެ.
ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތުގެ ނިމުން ފާހަގަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެ ރަށަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލި ކަމަށްޓަކައި އެ މަސައްކަތުގައި ހަރަކާތްތެރިވި ހުރިހާ ބޭފުޅުންގެ އަގު ވަޒަންކޮށްފަ އެވެ.
ރައީސް ވިދާޅުވީ ބިނ ބޭނުންކުރުމަށްޓަކައި ރައްޔިތުން ބޭނުންވާ ގޮތަށް ހަދާ ލޭންޑް ޔޫސް ޕްލޭން ވެގެންދާނީ އެންމެ ހެޔޮ ގޮތުގައި ބިމުގެ ބޭނުން ހިފުމަށް ފަހިވެގެންދާނެ ޕްލޭނަކަށް ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައި ރައީސް ވިދާޅުވީ ގޯތިގެދޮރު ބިނާކުރުން ފަދަ ކަންކަމުގެ މަގުފަހިކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ.
ފަތުރުވެރިކަމަށް ގުޅިން ދޫކޮށްފައިވާ ބިމާ މެދު އުފެދިފައިވާ މައްސަލައަށް ގަވާއިދުގެ ތެރެއިން ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ގުޅީގެ ބިމާއި ގޮޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ސަރުކާރުން 2023 ވަނަ އަހަރު މާޗު މަސް ތެރޭގަ އެވެ. ނަމަވެސް އެ އަހަރު އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް ހަވާލުކުރި އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ނިމިދިޔަ ސަރުކާރުން ކޮށްފައެއް ނުވެ އެވެ. އޭރު އެމްޓީސީސީގެ ސީއީއޯ އަކަށް ހުންނެވީ މިހާރު މާލޭގެ މޭޔަރު އާދަމް އާޒިމް އެވެ.
ނިމިދިޔަ ސަރުކާރުން މި މަސައްކަތް ނުފެށި މައިގަނޑު ސަބަބަކީ ރިޔާސީ އިންތިހާބަށް ހަރަދު ކުރުމުގެ ގޮތުން ފައިސާ އިސްރާފުކުރުން ކަމަށް ބެލެވެ އެވެ. އަދި އޭރުގެ އިގްތިސާދު ވަރަށް ބޮޑަށް ދަށްވެފައިވާތީ ކަމަށްވެސް ބެލެވެ އެވެ. އިގްތިސާދު ހަމައަކަށް އަޅުވައި މި ސަރުކާރުން ވައުދުވި ގޮތަށް ތަރައްގީގެ މަޝްރޫއުތައް ވަނީ މިއަހަރުތެރޭ ފަށާފަ އެވެ. އެގޮތުން ގުޅީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރު އޭޕްރީލް މަސްތެރޭގަ އެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 89.6 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއުގެ ދަށުން 10،962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓާއި 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓާއި 88 މީޓަރުގެ ގްރޮއިން ވަނީ ޖަހާފަ އެވެ.









