އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާގޮތަށް ބަދަލުތައް ގެނެސް، އެ އަތޮޅުގެ ހުޅުދޫއާއި މީދޫ އައްޑޫ ސިޓީން ވަކިކޮށް، ވަކި ކައުންސިލްތައް އުފައްދަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. އެމަނިކުފާނު މިގޮތަށް ނިންނެވީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން އިސްލާހުކުރުމާ ގުޅޭގޮތުން ނެރުއްވި ގަރާރަކުންނެވެ.
ހުޅުދޫއާއި މީދޫގެ ގިނަބައެއްގެ ޝަކުވާތަކާ ގުޅިގެން މިދިޔަ މަހުގެ 25ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއްގެ ދަށުން އެ ދެ ރަށުގައި ވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ވަނީ ނަގާފައެވެ. އެ ވޯޓުގައި ބައިވެރިވި ރައްޔިތުންގެ އަގުލަބިއްޔަތުން ނިންމީ އައްޑޫސިޓީއާ އިދާރީގޮތުން ވަކިވެ، ދެ ރަށުގައި ރަށު ކައުންސިލްތައް ގާއިމްކުރުމަށް ފެންނަ ކަމަށެވެ.
ރައްޔިތުންގެ މި ނިންމުމާއެކު ރައީސުލްޖުމްހޫރިއްޔާ އިއްޔެ ނެރުއްވި ގަރާރެއްގައި ވަނީ މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ "އައްޑޫ" އަކީ "އައްޑޫ ސިޓީ" ކަމުގައި ކަނޑައަޅުއްވައި، އެ ސިޓީގައި ހިމެނޭނީ އައްޑުއަތޮޅު ހިތަދޫއާއި މަރަދޫއާއި މަރަދޫފޭދޫ އަދި ފޭދޫ ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ. އަދި އެ އަތޮޅުގެ އިހްތިސާސްގެ ބައެއްގެ ގޮތުގައި މިހާތަނަށް އޮތް ހުޅުދޫ އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި އެމަނިކުފާނު ވަނީ ކަނޑައަޅުއްވާފައެވެ.
މި އިސްލާހަށް ޢަމަލުކުރަން ފަށާނީ، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއްގައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައިވެއެވެ. އެހެންކަމުން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫއަށް ކައުންސިލަރުން އައްޔަން ކުރާނީ ރަށު ކައުންސިލްތަކުގެ ގޮތުގައެވެ.






