ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދަށް

މުހައްމަދު ޖަމްޝަތު | 33 ދުވަސް ކުރިން - 2 ނޮވެންބަރު 2025 22:49
އެއާޕޯޓުން ޑޮލަރުތަކެއް ފޭރުނު މައްސަލައިގައި އިއްޔެ ހައްޔަރުކުރި މީހުން---
އެއާޕޯޓުން ޑޮލަރުތަކެއް ފޭރުނު މައްސަލައިގައި އިއްޔެ ހައްޔަރުކުރި މީހުން---
ޚުލާސާ

މި މައްސަލާގައި ފޭރުނު ފައިސާ އަނބުރާ ހޯދުނުކަމެއް އަދި ފުލުހުން ހާމައެއް ނުކުރޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބީއެމްއެލްގެ މުވައްޒަފުންތަކެއް އަތުން ލައްކައަކަށްވުރެ ގިނަ ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މިދިޔަ އޮކްޓޯބަރު 27 ވީ ހޯމަދުވަހުގެ ފަތިހު ހިންގި މި ފޭރުމުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި މީހުންނަކީ:

  1. މާޒިން މޫސާ (25އ) ރޭޝަމް / ލ.މާވަށް
  2. އަހުމަދު ރައިހާން ނައީމް (20އ) މ. ކޯރަސް / މާލެ
  3. އިބްރާހީމް އަނޫފް (24އ) އަޅިވިލާގެ / ކ.ގުރައިދޫ
  4. ހުސައިން ޝަހުދު (30އ) އަޅިވިލާގެ / ކ.ގުރައިދޫ

އެއާޕޯޓުން ޑޮލަރު ފޭރުނު އިރު މި މީހުންތިބީ މޫނު ނިވާކޮށްގެންނެވެ. އެނގިފައިވާ ގޮތުގައި ފޭރުނީ ވަޅިން ބިރުދައްކައިގެންނެވެ. އަދި ފޭރުނު ފައިސާތައް ހިފައިގެން އެމީހުން ފިލީ އެއާޕޯޓުގެ ފަޅުގައި އޮތް ލޯންޗެއްގަ އެވެ.

ފުލުހުން ވަނީ އިއްޔެ އެ ލޯންޗުވެސް ހޯދައިފަ އެވެ. އަދި މި ހަތަރު މީހުން ހައްޔަރުކުރީވެސް އިއްޔެގެ ހަވީރުގެ ވަގުތެއްގަ އެވެ. ނަމަވެސް އެމީހުން ފޭރިގަތް ފައިސާ ރިކަވާ ކުރެވުނުކަމެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން މިއަދު އަމުރުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ފޭރިގަތް ސޫޓްކޭސްގައި ގައި ލައްކައަކަށް ވުރެ ގިނަ ޑޮލަރު ހުރިކަމަށް ބެލެވެ އެވެ. އަދި އެ ފައިސާ ތަކަކީ ވީއައިއޭގެ އާ ޓާމިނަލުގައި ހުންނަ ޑޮލަރު ވިއްކާ ކައުންޓަރަށް ގެންދަން ބީއެމްއެލް އިން ގެންދިޔަ ފައިސާ ތަކަކެވެ. ބޭންކުން އެއްތަނުން އަނެެއްތަނަށް ފައިސާ ގެންދިއުމަށް ފުލުހުންގެ ސެކިއުރިޓީ އާންމުކޮށް ބޭނުންކުރި ނަމަވެސް މިހާ ބޮޑު އަދަދެއްގެ ފައިސާ ހިފައިގެން ދިޔައިރު ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%