ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރުކުރި 4 މީހުންގެ ވަނަވަރު އާންމުކޮށްފި

މުހައްމަދު ޖަމްޝަތު | 38 ދުވަސް ކުރިން - 28 އޮކްޓޯބަރު 2025 13:41
އެއާޕޯޓުން ޑޮލަރުތަކެއް ފޭރުނު މައްސަލައިގައި އިއްޔެ ހައްޔަރުކުރި މީހުން---
އެއާޕޯޓުން ޑޮލަރުތަކެއް ފޭރުނު މައްސަލައިގައި އިއްޔެ ހައްޔަރުކުރި މީހުން---
ޚުލާސާ

މޫނު ނިވާކޮށްގެން ގޮސް ފޭރިގަތް ސޫޓްކޭސްގައި ލައްކައަކަށްވުރެ ގިނަ ޑޮލަރު ހުންނާނެ ކަމަށްވޭ. ނަމަވެސް އެއިން އެއްވެސް ފައިސާއެއް ރިކަވާ ކުރެވުނު ކަމަށް ފުލުހުން އަދި ނުބުނޭ

ލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބީއެމްއެލްގެ މުވައްޒަފުންތަކެއް އަތުން ލައްކައަކަށްވުރެ ގިނަ ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު ހާމަކޮށްފި އެވެ. 

ހޯމަދުވަހުގެ ފަތިހު ހިންގި މި ފޭރުމުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންނަކީ:

  1. މާޒިން މޫސާ (25އ) ރޭޝަމް / ލ.މާވަށް
  2. އަހުމަދު ރައިހާން ނައީމް (20އ) މ. ކޯރަސް / މާލެ
  3. އިބްރާހީމް އަނޫފް (24އ) އަޅިވިލާގެ / ކ.ގުރައިދޫ
  4. ހުސައިން ޝަހުދު (30އ) އަޅިވިލާގެ / ކ.ގުރައިދޫ

އެއާޕޯޓުން ޑޮލަރު ފޭރުނު އިރު މި މީހުންތިބީ މޫނު ނިވާކޮށްގެންނެވެ. އެނގިފައިވާ ގޮތުގައި ފޭރުނީ ވަޅިން ބިރުދައްކައިގެންނެވެ. އަދި ފޭރުނު ފައިސާތައް ހިފައިގެން އެމީހުން ފިލީ އެއާޕޯޓުގެ ފަޅުގައި އޮތް ލޯންޗެއްގަ އެވެ.

ފުލުހުން ވަނީ އިއްޔެ އެ ލޯންޗުވެސް ހޯދައިފަ އެވެ. އަދި މި ހަތަރު މީހުން ހައްޔަރުކުރީވެސް އިއްޔެގެ ހަވީރުގެ ވަގުތެއްގަ އެވެ. ނަމަވެސް އެމީހުން ފޭރިގަތް ފައިސާ ރިކަވާ ކުރެވުނުކަމެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އަދު ތަހުގީގު ކުރިއަށް ދާ މިންވަރަކުން ހާމަކުރެއްވުންހުރި މައުލޫމާތު ހާމަ ކުރަމުން ގެންދާނެކަމަށްވެސް ބުންޏެވެ.

މި ހާދިސާގައި ފޭރިގަތް ސޫޓްކޭސްގައި ގައި ލައްކައަކަށް ވުރެ ގިނަ ޑޮލަރު ހުރިކަމަށް ބެލެވެ އެވެ. އަދި އެ ފައިސާ ތަކަކީ ވީއައިއޭގެ އާ ޓާމިނަލުގައި ހުންނަ ޑޮލަރު ވިއްކާ ކައުންޓަރަށް ގެންދަން ބީއެމްއެލް އިން ގެންދިޔަ ފައިސާ ތަކަކެވެ. ބޭންކުން އެއްތަނުން އަނެެއްތަނަށް ފައިސާ ގެންދިއުމަށް ފުލުހުންގެ ސެކިއުރިޓީ އާންމުކޮށް ބޭނުންކުރި ނަމަވެސް މިހާ ބޮޑު އަދަދެއްގެ ފައިސާ ހިފައިގެން ދިޔައިރު ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%