ރަޝިޔާ އާއި އެމެރިކާ އާއި ދެމެދު ޒަމާނުއްސުރެ އޮތް ޕްލޫޓޯނިއަމް ނައްތާލުމުގެ އެއްބަސްވުމަށް ޢަމަލު ނުކުރަން ރައީސް ޕޫޓިން ނިންމަވައިފިއެވެ. އެމެރިކާގެ ރައީސްކަމުގައި ބިލްކްލިންޓަން ހުންނެވި ދުވަސްވަރު ފާސްކުރި ޕްލޫޓޯނިއަމް މެނޭޖްމަންޓް އެންޑް ޑިސްޕޮޒިޝަން އެގްރީމަންޓް (ޕީއެމްޑީއޭ) ޕޫޓިން އުވައިލެއްވީ އެމެރިކާއިން މިހާރަކަށް އައިސް ގެންގުޅޭ އުޞޫލާއި މެދު ޕޫޓިން އަށް އެމެރިކާ އާއި ދޭތެރޭ އިތުބާރު ގެއްލުމުންނެވެ.
ޕްލޫޓޯނިއަމް އަކީ ނިއުކްލިއަރ ހަކަތަ އާއި ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ ރޭޑިއޯއެކްޓިވް މާއްދާއެކެވެ. އެމެރިކާގައި 49 ޓަނުގެ ހަތިޔާރު އުފެއްދޭ ޕްލޫޓޯނިއަމް ރިޒާވްއެއް ހުރިއިރު ދުނިޔޭގައި އެންމެ ބޮޑު ރިޒާވް ހުރީ ރަޝިއާގައެވެ. އެއީ 128 މެޓްރިކް ޓަނެވެ.
ރަޝިޔާގެ ރައީސް ވިދާޅުވީ އެމެރިކާއިން އެމީހުންގެ ވާޖިބުތައް އަދާނުކުރާ ކަމަށާއި، ރަޝިއާއަށް ބިރުދެއްކުމަށްޓަކައި ނޭޓޯ ފުޅާކުރުމާއި އަދި އެމެރިކާއިން ހުޅަނގުގެ ޤައުމުތަކާއި ގުޅިގެން ރަޝިއާ އަށް ބިރު ދެއްކުމަށްޓަކައި ކުރާ ކަންތައްތައްކުގެ ސަބަބުން ރަޝިއާ އަށް ވެސް އެމެރިކާގެ މަސްލަޙަތެއް މިހާރަކު މުހިއްމެއް ނޫނެވެ.






