އައްޑު ސިޓީގެ ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ބޭނުން ނުވާކަމަށް އެރަށުގެ މެޖޯރިޓީ ރައްޔިތުން ނިންމައިފި އެވެ.
އައްޑޫގެ ތިން ރަށެއްގައި ވަކި ކައުންސިލުތައް އުފައްދުމާ ގުޅޭގޮތުން މިއަދު ބޭއްވި ހިޔާލު ހޯދުމުގެ ވޯޓުގައި ފޭދޫ ރައްޔިތުންނަށް ހާއްސަކޮށްގެން ބެހެއްޓި އަށް ފޮށި ވެސް މިހާރު ވަނީ ގުނައި ނިމިފަ އެވެ. އެ ފޮށިތަކުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 1782 މީހަކު ވަނީ ވޯޓުދީފަ އެވެ. އެއީ ވޯޓުލީ މީހުންގެ 73.61 ޕަސަންޓެވެ. ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ވޯޓު ދިނީ 615 މީހުންނެވެ. އެއީ 25.40 ޕަސަންޓު މީހުން.ނެވެ.
ފޭދޫގެ ވޯޓުގައި ވޯޓުލެވޭ ޖުމްލަ 4،368 މީހުން ތިބި ނަމަވެސް މިއަދު ވޯޓުގައި ބައިވެރިވީ ޖުމްލަ 42 ޕަސެންޓުގެ ރައްޔިތުންނެވެ.
މި ވޯޓާއި ގުޅިގެން އައްޑޫ ސިޓީގެ މީދޫ އާއި ހުޅުދޫގެ ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު އެ ދެރަށުގެ ރައްޔިތުންވެސް ވަނީ ވަކި ކައުންސިލުތަކެއް އުފައްދަން ފެންނަ ކަމަށް ނިންމާފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވާ ގޮތުން މި ވޯޓުގެ ދާއިމީ ނަތީޖާ އިއުލާން ކުރާނީ އަންނަ އާދިއްތަ ދުވަހު އެވެ.






