ވަކި ކައުންސިލުތަކަށް ހެދުމާއިމެދު އައްޑޫ ސިޓީގެ ތިން ރަށުގެ މެދުގައި ނަގަމުންދާ ވޯޓުލުން ފެށިގެން ހަތަރު ގަޑިއިރު ފާއިތުވިއިރު ވޯޓުލީ އެންމެ 17 ޕަސެންޓް މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އައްޑޫ ސިޓީގެ މި ތާރީހީ ވޯޓު ލެވޭ 9،576 މީހުން އެބަތިއްބެވެ. އެއީ 4.684 އަންހެނުންނާއި 4،892 ފިރިހެނުންނެވެ. ވޯޓުލުން ފެށީ މިއަދު ހެދުނު 8:00 ގަ އެވެ. ނަމަވެސް މެންދުރު 12:00 އާ ހަމަޔަށް ވޯޓުލާފައިވަނީ އެންމެ 1،661 މީހުން ކަމަށް އީސީން ބުންޏެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އެންމެ 17.35 ޕަސެންޓެވެ.
މި ވޯޓު ނަގަމުންދަނީ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ އިތުރުން މާލެ ސިޓީގަ އެވެ. މާލެ އާއި އައްޑޫގެ ތިން ރަށުގައި 18 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އެއީ ހުޅުދޫގައި ތިން ފޮށި، މީދޫގައި ތިން ފޮށި، ފޭދޫގައި ފަސް ފޮށި އަދި މާލޭގައި ދިރިއުޅޭ އެ ތިން ރަށުގެ މީހުންނަށް ހަތް ވޯޓު ފޮއްޓެވެ. މާލޭގައި ވޯޓުފޮށިތައް ބަހައްޓަން ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލުގަ އެވެ.
ހަވީރު 4:00 ޖަހާއިރު ވޯޓުފޮށިތައް ބަންދުކުރަން ނިންމާފައިވާއިރު މި ނަންބަރުތަކުން އައްޑޫގެ ވޯޓަށް އޮތީ ވަޅޯތާފަނާއި ތަރުހީބެވެ. މި ވޯޓަކީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި، އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ ފަރާތުން، އެ ރަށްރަށުގައި ރައްޔިތުންނަށް ހިދުމަތްދިނުމަށް ރަށު ކައުންސިލް އުފެއްދުމަށް ސަރުކާރަށް ހުށަހަޅާފައިވާތީ ރައީސްގެ ގަރާރަކުން ނަގާ ހިޔާލު ހޯދުމުގެ ވޯޓަކަށްވާއިރު އައްޑޫގެ ރައްޔިތުންގެ ފަރާތުން އަދި މި ފެންނަނީ ވޯޓުގެ މާބޮޑު ޝައުގެއް ނެތް މަންޒަރެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މާދަމާގެ ވޯޓު ގުނައި ނިމުމުން އެ ވޯޓު ފޮއްޓެއްގެ ކައިރީގައި އެ ފޮއްޓެއްގެ ވޯޓުގެ ނަތީޖާ އިއުލާން ކުރަމުން ގެންދާ ގޮތަށެވެ. ދާއިމީ ނަތީޖާ އިއުލާން ކުރާނީ އަންނަ އާދިއްތަ ދުވަހު އެވެ.






