ތާރުއަޅާތީ ބޮޑުތަކުރުފާނު މަގުގެ ބައެއް ބަންދުކުރަނީ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 11 ގަޑިއިރު ކުރިން - 22 އޮކްޓޯބަރު 2025 13:28
ބޮޑުތަކުރުފާނު މަގު ބަންދުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު. ބޮޑުތަކުރުފާނު މަގުގެ ބަންދުކުރަނީ ޝަހީދު ހުސައިން އާދަމް ބިލްޑިންއިން ފެށިގެން ހުސްނުހީނާ ގޯޅިއާ ހަމައަށް--- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ބޮޑުތަކުރުފާނު މަގު ބަންދުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު. ބޮޑުތަކުރުފާނު މަގުގެ ބަންދުކުރަނީ ޝަހީދު ހުސައިން އާދަމް ބިލްޑިންއިން ފެށިގެން ހުސްނުހީނާ ގޯޅިއާ ހަމައަށް--- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ޚުލާސާ

ބޮޑުތަކުރުފާނު މަގުގެ މަޝްރޫއު ނިމިގެން ދިއުމާއެކު ޕާކިންގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، މަގުމަތީގެ ރައްކާތެރިކަން އިތުރުވެ މާލޭގެ ތޮއްޖެހިފައިވާ އެހެން މަގުތަކުގެ ތޮއްޖެހުން ވެސް ކުޑަވެގެންދާނެ

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، އަންނަ ހޮނިހިރު ދުވަހުން ފެށިގެން މަގުގެ ބައެއް ޓްރެފިކަށް ބަންދުކުރުމަށް ނިންމައިފި އެވެ.

މިކަމާ ގުޅިގެން ފުލުހުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ބޮޑުތަކުރުފާނު މަގުގެ ބަންދުކުރަނީ ޝަހީދު ހުސައިން އާދަމް ބިލްޑިންއިން ފެށިގެން ހުސްނުހީނާ ގޯޅިއާ ހަމައަށް ކަމަށެވެ. މީގެއިތުރުން ބޮޑުތަކުރުފާނު މަގާ ގުޅިފައިވާ މުހައްމަދު އިސްމާއީލް ދީދީ ގޯޅި، ކަނޑި ދޮންމަނިކު ގޯޅި، ޖުމްހޫރީ ހިނގުން، ޗާންދަނީ މަގުން ބައެއް އަދި އިބްރާހިމް ހަސަން ދީދީ މަގު ވެސް ބަންދުކުރެވޭނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މަގުތައް ބަންދުކުރުމުގެ އިތުރުން، ބަންޑާރަ މިސްކިތާ ހަމައަށް ހުސްނުހީނާ ގޯޅި އަދި އޯކިޑްމަގުން ބައެއްގައި ވެހިކަލް ޕާކުކުރުން ވެސް ފުލުހުން ވަނީ މަނާކޮށްފަ އެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އެވެ. މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއްގައި ތާރު އަޅައިގެން ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަަސައްކަތަށް ޖުމުލަ 144 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

މި މަޝްރޫއުގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލިންގެ މަސައްކަތް ކުރުމާއި، ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަޝްރޫއުގެ ސަބަބުން، މާލެ ސިޓީގައި، ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށް ފަސޭހަ އަދި ރައްކާތެރި ޒަމާނީ މަގުތަކެއް ތަރައްގީ ކުރެވި، ދަތުރުފަތުރު ކުރުމަށް ފަސޭހަވެ މަގުގެ ތޮއްޖެހުން ކުޑަވެގެންދާނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%