އެމެރިކާ އިސްވެ އޮވެ ކުރިއަށް ގެންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ތެރެއިން އިސްރާއީލުން ފަލަސްޠީނު ޝަހީދުންގެ އިތުރު 15 ހަށިގަނޑެއް މިއަދު ޣައްޒާ އާއި ޙަވާލު ކޮށްފި ކަމަށް އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑްކްރޮސް (އައިސީއާރުސީ) އިން ބުނެފިއެވެ. މިއީ ހައްތާވެސް އިސްރާއީލުން ޣައްޒާ އަށް އަރައި ވަގަށް ނަގައިގެން ގެންދިޔަ މީހުންނެވެ. ޔަހޫދީ ޒައެނިސްޓުން ވަނީ އެމީހުން ޝަހީދުކޮށްލާފައެވެ.
މިއަދު ޙަވާލުކުރި ހަށިގަނޑުތަކާއި އެކު، ޣައްޒާއިން ވަގަށް ނަގައިގެން ގެންގޮސް ޒައެނިސްޓުން ޝަހީދުކޮށްލުމަށްފަހު ޙަވާލުކުރި ޝަހީދުންގެ ހަށިގަނޑުތަކުގެ ޢަދަދު މިވަނީ ޖުމްލަ 165 އަށް އަރާފައި ކަމަށް ރެޑްކްރޮސް އިން ބުނެއެވެ.
ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޒައެނިސްޓް ސިފައިން ގެނެސްދޭ ފަލަސްޠީނުގެ ކޮންމެ 15 މީހަކަށް ޙަމާސް އިން ދަނީ އެމީހުންގެ ބެލުމުގެ ދަށުގައިވާ ޔަހޫދީންގެ ތެރެއިން އެކަކު ޙަވާލުކުރަމުންނެވެ.
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށްފަހު ވެސް ޔަހޫދީން ދަނީ އެ އެއްބަސްވުމާއި ޚިލާފުވެ މުސްލިމުން ޝަހީދުކުރަމުންނެވެ. ނަމަވެސް އެ އެއްބަސްވުން ކެންސަލް ކޮށްފައެއް ނުވެއެވެ.






