ޙަމާސް އާއި އެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހެދި ނަމަވެސް، މިފަހަރުގެ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ޒައެނިސްޓް ސިފައިން ލާއިންސާނީ އަނިޔާ ދިން ޣައްޒާގެ އުތުރުގެ ކަމާލް ޢަދުވާން ހޮސްޕިޓަލުގެ ޑިރެކްޓަރު ޙުސާމް އަބޫ ޞަފިއްޔާ އިސްރާއީލުގެ ޖަލުން މިނިވަން ނުކުރަން ޔަހޫދީ ސަރުކާރުން ނިންމައިފިއެވެ.
ޣައްޒާގެ ހަނގުރާމައިގައި އެތައް ހާސް ބަޔަކަށް ފަރުވާދިނުމުގައި ނުނިދައި ހޭލައި ހުރ “ބަޠަލެއް”ގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ޑރ. ޙުސާމް އަބޫ ޞަފިއްޔާ އަކީ ކުށެއް ކޮށްގެން ހައްޔަރުކުރި މީހެއް ނޫނެވެ. ޒައެނިސްޓް ސިފައިން އޭނާ ހައްޔަރުކުރީ ވަރަށް އިހާނެތިކޮށެވެ.
އިސްރާއީލުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ޙަމާސް އަށް އެއްބާރުލުންދޭ ކަމަށެވެ.
އިސްރާއީލުގެ ސިފައިން ދިން އަނިޔާތަކުގެ ސަބަބުން އޭނާގެ މޭކަށިގަނޑު ފުނޑި، ބޮލާއި އަތަށާއި މައިބަދަޔަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައި ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އާއި އެނޫންވެސް އިންސާނީ ޙައްޤުތަކާއި ބެހޭ ޖަމްޢިއްޔާތަކުން ބުނެއެވެ.
ޑޮކްޓަރުގެ ބަރުދަންވެސް މިހާރު ވަނީ 20 ކިލޯ ލުއިވެފައި ކަމަށް ޞިއްޙީ ފަރާތްތަކާއި ޙަވާލާދީ މަސްދަރުތަކުން ބުނެއެވެ.
ހަނގުރާމަ ހުއްޓާލުމާއި ގައިދީން ބަދަލުކުރުމުގެ މަޝްވަރާތަކުގައި ޙަމާސް އިން އޭނާ ދޫކޮށްލުމަށް ވެސް ޑިމާންޑް ކުރިއެވެ. ނަމަވެސް އިސްރާއީލުން ބުނީ ޑޮކްޓަރުގެ މައްޗަށް ކުރަމުންދާ ތަޙްޤީޤު ނުނިމޭ ކަމަށެވެ.