ފާއިތުވި 48 ގަޑިއިރުގެ ތެރޭޣައި އިސްރާއީލުން ފަލަސްޠީނުގެ 142 މީހަކު ޝަހީދު ކޮށްފިއެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހޯމަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކަށް ދިން ވައިގެ ހަމަލާތަކުގައި 142 މީހުން ޝަހީދުވިއިރު އިތުރު 150 މީހުން ވަނީ ޒަޚަމްވެފައެވެ.
މި އަނިޔާވެރިކަމާއި ގަތުލުއާންމުތައް އިތުރުވުމުން، 7 އޮކްޓޯބަރުގައި އިސްރާއީލުން ޣައްޒާގެ ނަސްލު ނައްތާލަން ހަމަލާ ދޭންފެށިފަހުން ފަލަސްތީނުގެ ޝަހީދުންގެ އަދަދު ގާތްގަނޑަކަށް 40،000 އަށް ވަނީ އަރާފައެވެ. އަދި 92،152 މީހުން ވަނީ ޒަޚަމްވެފައެވެ.
މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ހޮސްޕިޓަލްތަކާއި މެޑިކަލް ފެސިލިޓީތައް ވަނީ ހަލާކުކޮށް ސުންނާފަތި ކޮށްލާފައެވެ.
ހަނގުރާމަ ހުއްޓާލުމާބެހޭ އެއްބަސްވުމަކަށް ހަމާސްއިން ވެސް އެދޭއިރު އިސްރާއީލުގެ އަމަލުތަކުން ހަނގުރާމަ ހުއްޓާލުމަށް އުޅޭ މަންޒަރެއް ނުފެނެއެވެ.









