މިހާރު ހިނގަމުންދާ ރަހީނުން ދޫކޮށްލުމުގެ މަރުހަލާ ނިމުމުން ޣައްޒާގައި ހަމާސްގެ ބާކީ ތިބި ޓަނަލްތައް ހަލާކުކޮށްލައި، ހަމާސް “ނައްތައިލުމަށް” ރާވާފައިވާކަން އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ބުނެފިއެވެ.
ކަޓްޒް ބުނީ މި އޮޕަރޭޝަން ކުރިއަށް ގެންދާނީ އެމެރިކާ އިސްވެ އޮވެ ބައިނަލްއަގްވާމީ ނިޒާމެއްގެ ތެރެއިން ކަމަށާއި، މިއީ ޣައްޒާގައި ބަންދުކޮށްފައި ތިބި މީހުން ދޫކޮށްލުން ހިމެނޭ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ފަހު އިސްރާއީލުން ކަންތައް ކުރުމަށް ނިންމާފައިވާ ގޮތެވެ.
"ރަހީނުކޮށްފައިވާ މީހުން އެނބުރި ގައުމަށް އައުމަށްފަހު ދެން އޮތް ބޮޑު ގޮންޖެހުމަކީ ހަމާސްގެ ޓެރަރިސްޓް ޓަނަލްތައް ނައްތާލުން،" ކަޓްޒް ބުނެފައި ވެއެވެ.
ކަޓްޒް ބުނީ ދެން އޮތީ ހަމާސްގެ ހަތިޔާރު ނައްތާލުމާއި ހަމާސްގެ އަސްކަރިއްޔާ ވެސް ނައްތާލުމެވެ. އަދި މިކަން ކުރާނީ ސީދާ އެމެރިކާގެ ބައިވެރިވުމާއި އެކުގައެވެ.
އިސްރާއީލުން ބުނާ ގޮތުގައި ޓަނަލްތަކުގެ ބޮޑެތި ބައިތައް މިހާރު ވެސް ހަލާކުވެފައިވާއިރު، އާންމު ރައްޔިތުން ދިރިއުޅޭ އަވަށްތަކުގެ އަޑީގައި ވެސް ހަމާސްގެ ޓަނަލްތަކުގެ ބޮޑު ބައެއް އަދިވެސް އެބަހުއްޓެވެ.
އެމެރިކާ އާއި އިސްރާއީލުން މިހާރު ގެންދަނީ ޣައްޒާގެ ބިމުގެ އަޑީގައިވާ ޓަނަލް ނެޓްވޯކް ދެނެގަނެ، މުޅި އެ އިންފްރާސްޓްރަކްޗަރު ނައްތާލުމަށް ބްލޫޕްރިންޓްތައް ޑްރާފްޓްކޮށް ޕްލޭންތައް ހަދަމުންނެވެ. މިކަމަށް އެހީތެރިވުމަށްޓަކައި އެމެރިކާގެ ސިފައިންގެ މަދުވެގެން 200 މީހުން ބައިވެރިވާނެ ކަމަށް ވެއެވެ.
މިހާރު އެމެރިކާ މެދުވެރިވެގެން ކުރިއަށްދާ ހަނގުރާމައި ހުއްޓައިލުމުގެ އެއްބަސްވުމުގެ ތެރެއިން މަރުނުވެ ސަލާމަތުން ތިބި އިސްރާއީލުގެ 20 ރަހީނުން ދޫކޮށްލުމަށް ހަމާސް އިން ވަނީ އެއްބަސްވެފައެވެ.









