އިސްރާއީލުން އީރާނާއި ކުރިމަތިލުމަކަށް ދާކަށް ބޭނުން ނުވާކަން ތެހެރާނަށް އަންގައިދިނުމަށް ނަތަންޔާހޫގެ ސަރުކާރުން ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިންގެ އަރިހުގައި އެދިއްޖެއެވެ.
ރަޝިޔާގެ ރައީސް ވިދާޅުވީ އިސްރާއީލުން މިހާރު ވަނީ ތެހެރާނާއެކު މެދުވެރިއެއްގެ ދައުރު އަދާކުރުމަށް މޮސްކޯގައި އެދިފައެވެ. އަދި އިސްރާއީލުން އީރާނާއި އެކު ޞުލްޙަ ވުމަށް ބޭނުންވާ ކަމަށާއި އެއްވެސް ކަހަލަ ކުރިމަތިލުމަކަށް ދިޔުމަށް އިސްރާއީލުން ބޭނުން ނުވާކަމަށް ބުނެ އެ މެސެޖު ތެހެރާނަށް ފޯރުކޮށް ދިނުމަށް ވެސް އިސްރާއީލުން އެދިފައިވާ ކަމަށް ޕޫޓިން ވިދާޅުވިއެވެ.
ޕޫޓިން މިހެން ވިދާޅުވިއިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ އިސްރާއީލާއި ޙަމާސް އާއި ދެމެދު ކުރަމުންދާ ހަނގުރާމަ ވެސް ހުއްޓައިލުމުގެ މަރުޙަލާތައް މިއަދު ވަނީ ފެށިފައެވެ. މިކަމާއި ގުޅިގެން އީރާނުން ވެސް ވަނީ މަރްޙަބާ ކިޔާފައެވެ.
އީރާނާއި އެކު ޞުލްޙަ ވުމަށް އިސްރާއީލުން ބޭނުންވާއިރު، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ސަރަޙައްދީ ނުފޫޒާއި ގުޅޭ މައްސަލަތައް ހިމެނޭ ގޮތަށް މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތައް ހައްލުކުރުމަށް ސިޔާސީ ގޮތުން މަޝްވަރާ ކުރުމަށް ރަޝިޔާއިން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.