ޣައްޒާ ހަނގުރާމަ ހުއްޓައިލުމުގެ ޕްލޭނުގެ ފުރަތަމަ މަރުޙަލާ އަށް ޙަމާސް އާއި އިސްރާއީލުން އެއްބަސްވެއްޖެއެވެ.
މިޞްރުން އިސްނަގައިގެން އިސްރާއީލާއި ޙަމާސް އާއި ދެމެދު ކުރިޔަށްދާ ނުސީދާ މަޝްވަރާތަކުގައި ހަނގުރާމަ މުޅީން ނިންމައިލާނެ ސީދާ ތާރީޚެއް އަދި ކަނޑައެއް ނާޅައެވެ. ނަމަވެސް، މިހާރު ވަނީ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭންގެ ފުރަތަމަ ފިޔަވައްސަށް ޢަމަލުކުރަން ނިންމާފައެވެ. އެގޮތުން، ގައިދީންނާއި ރަހީނުން ބަދަލުކުރުމުގެ އިތުރުން ފިޔަވަހިތަކަކަށް ބަހާލައިގެން އިސްރާއީލުން ޣައްޒާއިން ފޭބުން ވެސް ހިމެނޭ ކަމަށް މަސްދަރުތަކުން ބުނެއެވެ.
ޙަމާސް އިން އެއްބަސްވި ގޮތުގައި ހައްޔަރުކޮށްފައިވާ ރަހީނުން މި ހަފްތާ ބަންދުގެ ކުރީކޮޅު ފަށާނެއެވެ. އަދި އިސްރާއީލުން ވެސް އެ ޤައުމުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްޠީނުގެ ގިނަ އަދަދެއްގެ ގައިދީން ދޫކޮށްލުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ހަނގުރާމަ ހުއްޓައިލުމާއި ބެހޭގޮތުން ކުރިއެރުންތަކެއް ލިބުނު ނަމަވެސް އަދިވެސް އެތައް ގޮންޖެހުންތަކެއް އެބަހުއްޓެވެ. އިސްރާއީލުގެ ޖަލުގައި ބަންދުކޮށްފައިވާ މަރްވާން ބަރްޣޫތީ ފަދަ ފަލަސްޠީނުގެ މަތީ ފަންތީގެ ބައެއް ގައިދީން ދޫކޮށްލުމަށް އިސްރާއީލުން ދަނީ ދެކޮޅު ހަދަމުންނެވެ.

މަރްވާން ބަރްޣޫތީ: އޭނާ ދޫކޮށްލުމާއި މެދު އިސްރާއީލުން އަދި ގޮތެއް ނުނިންމާ (ފައިލް ފޮޓޯ)
ހަނގުރާމަ މުޅީން ހުއްޓައިލުމާއި ބެހޭ ގޮތުން ދެފަރާތުން މަޝްވަރާކޮށް، ފުރަތަމަ ފިޔަވައްސަށް ޢަމަލުކުރަން ދެފަރާތުން އެއްބަސްވިޔަސް، ޣައްޒާގައި ޙަމާސްގެ ކުރިއަށް އޮތް ދައުރާއި ހަތިޔާރު ނައްތައިލުމާއި ދެމެދު ޚިޔާލުތަފާތުވުންތައް ހުރުމުން، ދިގުމުއްދަތެއްގެތެރޭގައި ނަމަވެސް އިތުރު ޤަތުލުޢާންމެއް އަނެއްކާވެސް ނުފަށާނެ ކަމުގެ ޔަގީންކަމެއް ނެތެވެ.









