އައްޑޫސިޓީގެ ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ. މި ނިންމެވުމަކީ ދެކުނުގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ކަމަށް ބެލެވޭ ނިންމެވުމެކެވެ.
ރައީސްގެ މި ނިންމެވުމާއެކު، އައްޑޫސިޓީގެ ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަޤުސަދުގައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި، އައްޑޫސިޓީގެ ހަންކެޑެ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް 2 ޑިސެންބަރު 2021 ގައި އެކަށައެޅުއްވި ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 8/2021 ޤަރާރު، މިއަދު ނެރުއްވާފައިވާ ނަންބަރު 25/2025 ޤަރާރުން ވަނީ އުވައިލައްވާ ފައެވެ.
އެގޮތުން، އައްޑޫސިޓީގެ ހަންކެޑެއަކީ ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގުމަށް މިހާރު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާ ހަވާލުކުރެވިފައިވާ ސަރަހައްދެކެވެ.