ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު (މައިފޫނާ)ގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ ހަތަރު އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ދެންމެ ހުކުމް ކޮށްފި އެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ބޮޑެތި ވައްކަމާއި ކޮރަޕްޝަން ހިންގަމުންދިޔަ ފެނަކަ ކޯޕަރޭޝަނުގެ އޭރުގެ އެމްޑީގެ މަގާމުަގައި ހުރި ސައީދުގެ އިތުރުން އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ 2019 ވަނަ އަހަރު ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގަ އެވެ.
އެ މައްސަލާގައި ސައީދުގެ މައްޗަށް ދައުވާ އުފުލީ26 ޑިސެމްބަރު 2024 އެވެ. ދައުލަތުން ބުނެފައިވާ ގޮތުގައި ސައީދުގެ އެ އަމަލުގެ ސަބަުން ފެނަކަ އަށް އަށް ނުވަ ލައްކަ އަށްވުރެ ގިނަ ރުފިޔާ ގެއްލުން ވަނީ ވެފަ އެވެ.
ސައީދުގެ މައްޗަށް އެކުށް ސާބިތުވާކަމަށް ކޯޓުން ކަނޑައަޅެމުން ދައުލަތުން އެދުނީ އަސާސީ އަދަބު ދިނުމަށެވެ. އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ނަމަވެސް ސައީދު ކޮށްފައި ވަނީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށަކަށް ވާތީ އެ ކުށުގެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.
ކޮރަޕްޝަން ހިންގި ކަމުގެ ކުށް ސައީދުގެ މައްޗަށް ސާބިތުވެފައިވާއިރު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ އިތުރު ދައުވާއެއްވެސް ކްރިމިނަލް ކޯޓުގައި ސައީދުއާ ދެކޮޅަށް ވަނީ އުފުލާފަ އެވެ. އެއީ ލ. މާމެންދޫގައި އަމިއްލަ ފަރާތަކުން ގާއިމުކޮށްފައިވާ އައިސް ޕްލާންޓެއް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި އެ ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖައިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރާ މައްސަލަ އެކެވެ.
ފެނަކަ ކުންފުންޏަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެންމެ ގިނައިން ވައްކަން ކުރި އެއް ކުންފުންޏެވެ. އެމްޑީޕީ ސަރުކާރުގައިވެސް ފެނަކައިގެ ކޮރަޕްޝަނުގެ ވާހަކަތައް ދެކެވި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލައި ރިޕޯޓު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް ފޮނުވި އެވެ. ނަމަވެސް އެއްވެސް ފިޔަވަޅެއް ނާޅައި ވެރިކަން ބަދަލުވަންދެން ފެނަކަ ކުންފުނި ބޭނުންކުރަމުންދިޔައީ ރިޔާސީ ކެމްޕެއިނަށް ވޯޓު ހޯދުމަށް ބޭނުންކުރާ ހަތިޔާރެއް ގޮތަށެވެ. އެމްޑީޕީ ސަރުކާރުގައި ފެނަކައިގެ މާލީ މުއާމަލާތްތަކުގައި ބޮޑެތި ހިޔާނާތްތަކެއް ހިންގާފައިވާކަން އެކުންފުނީގެ އެންމެ ފަހުގެ އޮޑިޓް ރިޕޯޓުންވެސް ވަނީ ހާމަވެފަ އެވެ.