ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމާއި ގުޅޭގޮތުން ދެފަރާތުން ކުރަމުންދިޔަ މަޝްވަރާތައް ސަސްޕެންޑް ކޮށްފައިވާ ކަމަށް ޙަމާސްއިން ބުނެފިއެވެ.
މި މަޝްވަރާތައް ހުއްޓާލާފައިވަނީ ސެޕްޓެންބަރު މަހުގެ ކުރީކޮޅު ޤަތަރުގެ ދޯހާގައި ޙަމާސްގެ ވަފުދަށް އިސްރާއީލުން ޙަމަލާ ދިނުމަށްފަހު، ޙަމާސް ނައްތާލުމަށް އިސްރާއީލުން އަނެއްކާވެސް ބުނުމާއި ގުޅިގެންނެވެ.
ޙަމާސްގެ ބޭފުޅުން ޝަހީދު ކޮށްލުމަށް އިއްޔެއިން ފެށިގެން މިހާތަނަށް ޢައްޒާގެ 124 ތަނަކަށް ޔަހޫދީ ލަޝްކަރުން ވަނީ ޙަމަލާ ދީފަ އެވެ.
ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ ގޮތުގައި ޤަޠަރަށް ޙަމަލާ ދިނީ ޙަމާސްގެ ވަފްދު ޝަހީދުކޮށްލައިގެން ނޫން ގޮތަކަށް ފަލަސްތީނު ބިމުގައި ޔަހޫދީންނަށް އުފަލެއް ނުލިބޭނެތީއެވެ.
ޤަޠަރުން މި ޙަމަލާ ކުށްވެރިކުރާއިރު، މިހާތަނަށް އެއްވެސް އައު ހުށަހެޅުމެއް ލިބިފައިނުވާ ކަމަށް ޙަމާސްއިން ވަނީ ކަށަވަރު ކޮށްފައެވެ.
ސެޕްޓެންބަރު 9 ވަނަ ދުވަހު ޤަޠަރުގެ ވެރިރަށް ދޯހާގައި ޙަމާސްގެ އިސްވެރިން ބައްދަލުކުރަމުން ދަނިކޮށް ދިން މި ހަމަލާގައި 6 މީހުން ޝަހީދުވި ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެތެރޭގައި ޤަޠަރުގެ ސަލާމަތީ އޮފިސަރެއްވެސް ހިމެނެއެވެ. ނަމަވެސް، ޙަމާސްގެ އިސް ފަރާތްތައް ވަނީ މި ޙަމަލާއިން ސަލާމަތްވެފައެވެ. މި ޙަމަލާއަކީ ޞުލްޙައިގެ މަސައްކަތްތައް ހުއްޓުވުމަށް ދިން ޙަމަލާއެއް ކަމަށް ޙަމާސްއިން ވަނީ ސިފަކޮށްފައެވެ.
ހަމާސްއިން ބުނި ގޮތުގައި، މެދުވެރިންގެ ފަރާތުން އަންނަ އެއްވެސް އައު ހުށަހެޅުމަކަށް އެ ޖަމާޢަތުން އުފާވެރިކަމާއެކު މަރުޙަބާ ކިޔަން ތިބި ނަމަވެސް، މިހާރުގެ ހާލަތުގައި މަޝްވަރާތައް ކުރިއަށް ދިއުމަކީ އުނދަގޫ ކަމެއް ކަމަށާއި، އެކަމުގައި އެއްވެސް މަގެއް ނުފެނެއެވެ.
މި ދަނޑިވަޅުގައި އިސްރާއީލުން ދަނީ ޣައްޒާގައި އުދުވާންތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން އިތުރު ލަޝްކަރެއް ވެސް ވަނީ ޣައްޒާއަށް އަރާފައެވެ. އެ މީހުން މަސައްކަތް ކުރަމުން ދަނީ ޤަތުލުޢާންމުތައް ހިންގައި މުސްލިމުންނަށް ބިރު ދައްކައިގެން ވެސް އެ ބިމުން އެ މީހުން ނެރެލުމަށެވެ.
މަޝްވަރާތައް ހުއްޓާލުމުން، މި ހަނގުރާމަ ނިންމާލުމަށް ކުރެވޭ ޞުލްޙައިގެ މަސައްކަތްތަކަށް މިހާރު މި ވަނީ ބޮޑު ހުރަހެއް ކުރިމަތިވެފައެވެ.