މިއީ ތިމާ ވައްކަން ކޮށްފައި އެކަމުން ރެކެން ވެގެން އެހެން މީހުންގެ ބޮލުގައި އެ ބަދުނާމު އަޅުވާ ޒަމާނެވެ. އެކަމަކު، ރެކެވޭކަށް އަދި ރެކެވޭނެ ގޮތެއް ވެސް ނެތެވެ. ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުން މިއޮތީ 2021 އިން 2023 ގެ ނިޔަލަށް ދައުލަތުން 1.8 ބިލިއަން ރުފިޔާ އަށް ޚިޔާނާތްތެރި ވެއްޖެކަން ފަޅާއަރާފައެވެ. މި ދައްކަނީ ނަޒާޙަތްތެރި ވެރިކަމެއް ކޮށްފީމޭ ބުނި މީހުން ވެރިކަމުން ފޭބިއިރު އެ މީހުންގެ ފަސްބައިގައި ހޭކިފައިވާ ހަޑިތަކުގެ ވާހަކައިން ކުޑަކުޑަ މިންވަރެއް ކަމަށް ވެސް ވެދާނެއެވެ. އެމްޑީޕީގެ ކުރީގެ ވެރިކަމުގައިވެސް މުޅިން ވެސް ފެނުނީ ޚިޔާނާތެވެ. ވައްކަމެވެ. ލަނޑަޔާ ވާނީ ހަމަ ލަނޑަޔާއަށް ތާއެވެ.
(އިބޫ)ގެ ވެރިކަމުގައި ފެނަކައިގައި ސަޢީދު ކިޔާ މީހަކު ބަހައްޓައި ތިންއަހަރުތެރޭ އެވްރެޖްކޮށް ކޮންމެ ދުވަހަކު ދެމިލިއަން ރުފިޔާ ލޫޓުވުމަކީ ސަޕްރައިޒް ވާވަރުގެ ކަމެއް ނޫންތާއެވެ. މި އުޅެނީ އަލަ ގަހަކުން ކެޔޮނިރެއް ފަޅައިގެނެއް ނޫނެވެ. އެ އެއްޗަކުން ނުކުންނާނީ އޭގައި ހުރި އެއްޗެކޭ މުސްކުޅިން ވެސް ބުނެ އުޅެއެވެ. "ފެނަކަ ވަގޭ" ކިޔައި ސައީދަށް މީހުން ސޯޝަލްމީޑިއާގައި އެ ގޮވަނީ ކަމެއް ވީމަކަން ރައްޔިތުންނަށް މިހާރު ވަރަށް ސާފުވާނެއެވެ.
ފެނަކައިން އެކަނި ތިން އަހަރުތެރޭ 2.2 ބިލިއަނެއްހާ ރުފިޔާ "ދަވާލިއިރު" ވޭތުވެދިޔަ 100 އަހަރު ފަޅާއެރި ވައްކަންތަކާއި މި ވައްކަން ނުބައްދަލުވާނެއެވެ. އެހެންކަމުން އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ ވާހަކަވެސް މިހާރު އެމްޑީޕީއަކަށް ދެން ދެއްކޭކަށް ނެތެވެ. އޭގައިވެސް ގިނައީ އެމްޑީޕީ މީހުންކަން އެހެރަ ދަނީ ލީކުވަމުންނެވެ. އެހެންވީމާ އެމްޑީޕީއާ ދިމާލަށް ލޫޓުމާރޭ ނޫން ދެން ވަކި ކިޔަން އޮތީ ކޮން އެއްޗެއްހެއްޔެވެ؟ އެމްޑީޕީން ފެނަކަ ލޫޓުވައިފިއެވެ. ހަމަ ރަނގަޅަށް ލޫޓުވައިފިއެވެ.
ފެނަކަ މެދުވެރިކޮށް އެމްޑީޕީ ސަރުކާރުން ހިންގީ ނިޒާމީ ކޮރަޕްޝަނެވެ. 1.3 ބިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ލިބޭ މަސައްކަތްތައް "ކައިރީގައި ތިބި ކުދިންކޮޅަކާ" ޙަވާލުކޮށްލީ ބީލަމަކާއި ނުލައެވެ. އޮޑިޓް ރިޕޯޓުން އެހެރީ މި ލޫޓުވުން ވެސް ފެންނާށެވެ.
ފެނަކައަށް ކޭބަލް ގަތުމަށާއި، ޖަނަރޭޓަރާއި، ޓްރާންސްފޯމަރާއި، އަދި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް 2.2 ބިލިއަން ރުފިޔާގެ ކޮންޓްރެކްޓްތައް ބަހާލިއިރު އެ ލޫޓުވުންތަކުގެ ހެކިތައްވެސް ވަނީ ނިޒާމުން ގެއްލުވައިލާފައެވެ. އޮޑިޓް ރިޕޯޓް ބުނާގޮތުން %65 ގެ މަސައްކަތް އެމްޑީޕީ ސަރުކާރުގައި ފެނަކައިން ކޮށްފައިވަނީ ވާދަވެރި ބިޑަކާއި ނުލައެވެ. އަދި ޕެޓީ ކޭޝްގެ ގޮތުގައި ދޫކުރި 26 މިލިއަން ރުފިޔާގެ ތެރެއިން 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަދެފައި ވަނީ ބަޔަކު މީހުންގެ އަމިއްލަ އެކައުންޓުތަކަށެވެ. އިންޖީނުގެއާއި އޮފީސް މަޝްރޫޢުތަކަށް ޚަރަދުކުރި 61.5 މިލިއަން ރުފިޔާގެ ހިސާބުކިތާބެއް ފެންނާކަށް ނެތެވެ. އެ ލިޔެކިޔުންތައް ވެރިކަން ބަދަލުވި ދުވަސްކޮޅު އަންދާލީ ކަމެއް، ކަނޑުފައްތާލީ ކަމެއް ނުވަތަ އެ ލިޔުންތައް އޭގެ ޒާތުގައިވެސް ނެތީ ކަމެއް ނޭނގެއެވެ. އިނގޭހާވެސް ކަމަކީ އެ ފައިސާތައް ވެސް "ލޫޓުވައިފި"ކަމެވެ.
ފެނަކައިން މި ލޫޓުވައިލީ މުޅި ދެކުނުގެ ހުރިހާ ރަށްތަކުގެ އިތުރުން މެދުރާއްޖެތެރެއާއި އުތުރު، މި ތިން ސަރަޙައްދުގައި އެންމެ ފެންވަރު ރަނގަޅު ފަހުގެ ޓްކްނޮލޮޖީ ހިމެނޭ ތިން ސަރަޙައްދީ ހޮސްޕިޓަލް ޢިމާރާތްކުރާނެހާ ފައިސާއެވެ.
ފެނަކައިން އެމްޑީޕީ ވެރިކަމުގައި މި ލޫޓުވައިލީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕްރީ ސްކޫލެއް ނުވަތަ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 12 ސެކަންޑަރީ ސްކޫލް ހެދިދާނެ ފައިސާއެވެ.
އެމްޑީޕީން ފެނަކަ މެދުވެރިކޮށް އެކަނި މި ލޫޓުވައިލީ 15 ރަށުގެ ބަނދަރު ހަދައި ނުވަތަ ހަތަރު ޑޮމެސްޓިކް އެއާޕޯޓް ހުޅުވިދާނެހާ ފައިސާއެވެ. 6،000 އަށް ވުރެ ގިނަ ޕަވަރ ޖަނަރޭޓަރު (250 ކިލޯވީއޭ) ރާއްޖޭގެ އެކި ހިސާބުތަކުގައި އިންސްޓޯލް ކުރެވިދާނެހާ ފައިސާއެވެ.
މިއީ އެމްޑީޕީން ލޫޓުވި ފައިސާގެ ސާފު ޢަދަދެއް ނޫނެވެ. މިއަށްވުރެ ގިނަ ފައިސާ އެމްޑީޕީން ވަނީ ލޫޓުވާފައެވެ.