އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ ތުހުމަތު ކުރައްވާފައި ވަނިކޮށް، ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދުވެސް ނަތީޖާތަކުގެ ސައްހަކަމާ މެދު ސުވާލު އުފައްދަވައިފި އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ޝަމްހީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލެ ދެކުނު ދާއިރާއިން މުޅި މާލެއިން ހޮވާ 16 ގޮނޑިއަށް ކެންޑިޑޭޓުންނަށް ލިބުނު ވޯޓު ކަމަށް ނެރެފައިވާ ޝީޓުގައި ހުރި އަދަދުތަކަކީ ވޯޓުލާން ދިޔަ މީހުން ފާހަގަ ޖެހި ގޮތަށް ނެރެފައިވާ ނަތީޖާ ޝީޓެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ބައެއް ކެންޑިޑޭޓުންނަށް 200 ވަރަކަށް ވޯޓު އިތުރަށް ޖަހާފައި ހުރި ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
ޝަމްހީދުގެ އިތުރުން ކައުންސިލަރު ފާތިމަތު ޒަހިއްޔާ ވެސް ވަނީ މި އިންތިހާބުގެ ނަތީޖާ ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ޒަހިއްޔާ ތުހުމަތު ކުރެއްވި ގޮތުގައި ހޯރަފުށީ ދާއިރާގެ ގައުމީ މަޖިލިސް ގޮނޑިއަށް އިތުރު ކެންޑިޑޭޓަކު ކުރިމަތިލާފައި ވަނިކޮށް، އަހްމަދު ސަލީމް (ސައްލެ) އެދިވަޑައިގަތުމުން އެ ކެންޑިޑޭޓުގެ ނަން ނަގުވައި އިންތިހާބަކާ ނުލައި ސައްލެ އަށާއި ޝިފާއުﷲ އަށް ފުރުސަތު ފަހިކޮށްދެއްވުމުންވެސް، ސައްލެ ވަނީ ބޮޑެތި މަކަރުތަކެއް ހައްދަވައި ހޯރަފުށީގެ އިންތިހާބީ ނަތީޖާ އޮޅުވާލައްވާފަ އެވެ. އަދި މިފަދަ ބަދަލެއް ގެނައުމަކީ މުޅި އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ބޮޑު އޮޅުވާލުމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
އެމްޑީޕީގެ ތެރޭގައި ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި ވަނިކޮށް އިއްޔެ ބޭއްވި ގައުމީ މަޖިލީހުގެ އިންތިހާބުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފައްޔާޒް އިސްމާއީލްގެ "ބޮޑު ބަދަލު" ޓީމުން ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ތާއީދު ކުރެއްވި "ޓީމް އެމްޑީޕީ" ގެ މައްޗަށް ބޮޑު އަގުލަބިއްޔަތެއް ހޯދާފަ އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން މުޅި މާލެ ސިޓީ ތަމްސީލުކުރާ 16 ގޮނޑީގެ ތެރެއިން 11 ގޮނޑި "ބޮޑު ބަދަލު" ޓީމުން ކާމިޔާބުކުރިއިރު، އިބޫގެ ޓީމަށް ލިބުނީ އެންމެ ހަތަރު ގޮނޑި އެވެ.
މި ނަތީޖާތަކާ ގުޅިގެން ޕާޓީގެ އެތެރޭގައި ނުތަނަވަސްކަން އުފެދިފައިވާއިރު، އިންތިހާބުގެ ސައްހަކަމާ މެދު ޝަމްހީދާއި ޒަހިއްޔާގެ އިތުރުންވެސް އެމްޑީޕީގެ އެހެން ބައެއް މެންބަރުން ދަނީ ސުވާލު އުފައްދަމުންނެވެ.





