ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމުގައި އަހުމަދު ސައީދު އިސްކޮށް ހުންނަވައިގެން ކުންފުނީގެ މާލީ މުއާމަލާތްތަކުގައި ބޮޑެތި ހިޔާނާތްތަކެއް ހިންގާފައިވާކަން ކުންފުނީގެ އެންމެ ފަހުގެ އޮޑިޓް ރިޕޯޓުން ހާމަވެެއްޖެ އެވެ.
ނިމިިދޔަ އެމްޑީޕީ ސަރުކާރުގައި ފެނަކަ ކުންފުނީގެ ހިޔާނާތުގެ ވާހަކަތައް އެކި ފަހަރުމަތިން ދެކެވުނުނަމަވެސް، އޭރުގެ ރައީސް އެކަން ދޮގުކޮށް، ކުންފުނީގެ އެމްޑީގެ މައްޗަށް އިތުބާރު އޮތްކަމަށް ވިދާޅުވަމުން ގެންދެވި އެވެ. ނަމަވެސް މިހާރު އާންމުކުރެވިފައިވާ އޮޑިޓް ރިޕޯޓުން ވަނީ އެ ދުވަސްވަރު ހިނގާފައިވާ ބޮޑެތި މާލީ އޮޅުވާލުންތަކާއި ހިޔާނާތްތައް ހާމަކޮށްދީފަ އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ހަދާފައިވާ މި ރިޕޯޓަކީ ފެނަކައިގެ ޕްރޮކިއުމަންޓް އަދި މާލީ މެނޭޖްމަންޓްގެ ސްޕެޝަލް އޮޑިޓް ރިޕޯޓެކެވެ. 2021 އިން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ހަދާފައިވާ މިއޮޑިޓް ރިޕޯޓުގައިވާ ގޮތުގައި ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކައިން ބީލަމުގެ އުސޫލުތަކާއި ހިލާފަށް 2.23 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާއި ވަނީ ހަވާލުކޮށްފަ އެވެ.
އެގޮތުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެކި ފަރާތްތަކާއި އެކު 674 އެއްބަސްވުން ހަދާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ބިޑަކާއި ނުލާ ހަވާލުކޮށްފައިވާ މަޝްރޫއުތަކެވެ. ހަމައެކަނި ކަރަންޓް ކޭބަލް ގަތުމަށް ވެސް 790 މިލިއަން ރުފިޔާގެ ވައްކަން ކޮށްފައިވާއިރު، ޖެނެރޭޓަރު ސެޓް ގަތުމުގެ ނަމުގައި 552 މިލިއަން ރުފިޔާގެ ވައްކަން ކޮށްފައިވާ ކަމަށް ވެސް ރިޕޯޓުން ހާމަވެ އެވެ.
މީގެ އިތުރުން ސައީދުގެ ޅިޔަނުންގެ އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ދެ ކުންފުންޏަކާއި ހަދާފައިވާ 90 އެއްބަސްވުމުގެ ދަށުން ހަވާލުކޮށްފައިވާ މަސައްކަތްތަކާއި އަދި މެނޭޖިން ޑިރެކްޓަރުގެ ޅިޔަނުގެ ދަރިއެއްގެ ހިއްސާ އޮންނަ ކުންފުންޏަކާއެކު ހަދާފައިވާ 2 އެއްބަސްވުމުގެ ދަށުން މަސައްކަތްތައް ވަނީ ހަވާލުކޮށްފަ އެވެ. މި އެއްބަސްވުންތަކުގައި 49.8 މިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވާއިރު އެ ކުންފުނިތަކަށް 2024 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 31 މިލިއަނަށްވުރެ ގިނަ ރުފިޔާ އެ ކޯޕަރޭޝަނުން ދޫކޮށްފައިވާކަން ވަނީ އޮޑިޓުގައި ފާހަގަކޮށްފަ އެވެ.
އޮޑިޓުން ދައްކާ ގޮތުގައި 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އިން-ހައުސްކޮށް ފެނަކައިން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކުގެ ބޭނުމަށް މުދަލާއި ތަކެތި އެއް ރަށުން އަނެއް ރަށަށް ފޮނުމުގެ މަސައްކަތް ކުރުމަށް މުދާ އުފުލާ ދޯނި ފަހަރާއި ލޭންޑިން ކްރާފްޓް ކުއްޔަށް ހިފުމަށާއި އެ މަސައްކަތްތައް ހަވާލު ކުރުމަށް އެކި ފަރާތްތަކާއެކު ހަދާފައިވާ 612 އެއްބަސްވުމެއްގެ ދަށުން 191 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާއި ހަވާލުކޮށްފައިވާއިރު، އޭގެ ތެރެއިން 344 އެއްބަސްވުމުގެ ދަށުން މުދާ އުފުލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މާކެޓް އަގުތަކަށްވުރެ ބޮޑު އަގުގަ އެވެ. އެގޮތުން މާކެޓު އަގަށްވުރެ ގާތްގަނޑަކަށް 47.5 މިލިއަން ރުފިޔާ ބޮޑުކޮށް މަސައްކަތް ހަވާލުކުރިކަމަށް ރިޕޯޓުން ދައްކަ އެވެ.
އަދި ފެނަކައިގެ އިންޖީނުގެއާއި އޮފީސް އިމާރާތް ކުރުމަށާއި އެފަދަ ތަންތަން އިތުރަށް ތަރައްގީ ކުރުމަށް އިން-ހައުސް ޕްރޮޖެކްޓްތަކުގެ ގޮތުގައި އެކި ރަށްރަށުގައި ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރި ވަގުތީ މުވައްޒަފުންނަށް ކޭޓަރިންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ފެނަކަ ކޯޕަރޭޝަނުން އެކި ފަރާތްތަކާ ހަވާލުކޮށްފައިވާއިރު، ބައެއް ރަށްރަށުގައި ހިންގަމުން ގެންދިޔަ ޕްރޮޖެކްޓްތަކުގެ މަސައްކަތާ ހާޒިރުވި މުވައްޒަފުންގެ އަދަދަށްވުރެ އިތުރަށް ކެއުމުގެ ހަރަދަށް ޗާޖްކޮށްފައިވާ ކަމަށާއި އެގޮތުން ކޭޓަރިންގެ ހަރަކަށް ހޭދަވާ ވަރަށްވުރެ އިތުރަށް 14.2 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
އޮޑިޓް ރިޕޯޓުން ފާހަގަކޮށްފައިވާ އިތުރު ބައެއްް ކަންތައް:
- ޖަނަރޭޓަރު ސެޓު ގަތުމުގެ ނަމުގައި 552 މިލިއަން ރުފިޔާގެ ވައްކަން
- ޓްރާންސްފޯމަރު ގަތުމުގެ ނަމުގައި 396 މިލިއަން ރުފިޔާގެ ވައްކަން
- ފެނާއި ނަރުދަމާ މަޝްރޫޢު ހިންގުމުގެ ނަމުގައި 496 މިލިއަން ރުފިޔާގެ ވައްކަން
ފެނަކަ ކުންފުނީގެ މި ވައްކަމަކީ 1990 ގައި ފަޅާއެރި އެފްޕީއައިޑީއާ 2015 ގައި ފަޅާއެރި އެމްއެމްޕީއާރުސީގެ ވައްކަމަށް ވުރެ އެތައް ގުނައެއް ބޮޑުވާނެ ކަމަށް ބެލެވެ އެވެ. އެމްޑީޕީ ސަރުކާރުގައި ފެނަކައިން އެކަނި ދައުލަތުގެ އޮޑިޓަށް 2.2 ބިލިއަނުގެ ވައްކަން ބޭޒާރުވުމުން ޔަގީންވަނީ، އެމްޑީޕީ ވެރިކަމުގައި 2018 ން 2023އަށް ހިންގި ވައްކަމާ ހިޔާނާތް، މި ވޭތުވި 100 އަހަރު ފަޅާއެރި އެހެން ހިޔާނާތްތަކާ ނުބައްދަލު ވަރަށް ބޮޑުވާނެކަމެވެ.