އައްޑޫ ސިޓީ ހިތަދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައިވަނީ، އައްޑޫ ސިޓީ ހިތަދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 01:17 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މި މާރާމާރީގައި 34 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އޭނާގެ ހަށިގަނޑުގެ ދެ ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި މިވަގުތު އޭނާއަށް އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވަނީ ބުނެފަ އެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.