އިސްރާއީލް ކެޕްޓަން މަރައިލިހެން 48 އަސީރުން “މަރައިލާނެ” ކަމުގެ އިންޒާރު ހަމާސްއިން ދީފި!

ޢަބްދުﷲ ޖުނައިދު | 9 ދުވަސް ކުރިން - 21 ސެޕްޓެންބަރު 2025 10:41
"ރޮން އަރާދު" ކެޕްޝަނާއި އެކު ހަމާސްއިން ޢާންމުކޮށްފައިވާ 48 އަސީރުން ހިމެނޭ ފޮޓޯ.
"ރޮން އަރާދު" ކެޕްޝަނާއި އެކު ހަމާސްއިން ޢާންމުކޮށްފައިވާ 48 އަސީރުން ހިމެނޭ ފޮޓޯ.
ޚުލާސާ

ހަމާސްއިން ދޭ މެސެޖަކީ 1986 ގައި ލުބުނާނުން ގެއްލުވައިލި އިސްރާއީލުގެ ވައިގެ ސިފައިންގެ ކެޕްޓަން ރޮން އަރާދަށް ހެދިހެން 48 އަސީރުންނާއި ދޭތެރޭ ކަންތައް ކޮށްލާނެ ކަމަށް.

ހަމާސްގެ ހަނގުރާމަވެރި ވިންގުން އަތުލައިގަތް އިސްރާއީލުގެ މީހުންގެތެރެއިން އަސީރުންގެ ގޮތުގައި ޣައްޒާގައި ބަންދުކޮށްފައިވާ 48 މީހެއްގެ "ވަދާއީ ތަސްވީރެއް" ޢާންމުކޮށްފިއެވެ.

ޤައްސާމް ބްރިގޭޑްސް އިން ޢާންމުކުރި ފޮޓޯގައި ދިރިތިބި ހުރިހާ އަސީރުންނާއި މަރުވެފައިވާ ބައެއް އަސީރުންގެ މޫނުތައް ވެސް ފެންނަ ކަމަށް ބައެއް މަސްދަރުތަކުން ޤަބޫލުކުރެއެވެ.

އެއިން ކޮންމެ މީހެއްގެ ކެޕްޝަންގައި ލިޔެފައި ވަނީ "ރޮން އަރާދު" އެވެ. ރޮން އަރާދަކީ 1986 ވަނަ އަހަރު ލުބުނާނުން ގެއްލުނު އިސްރާއީލުގެ ވައިގެ ސިފައިންގެ ކެޕްޓަނަށް ކިޔާ ނަމެވެ. ލުބުނާމަށް ބޮން އަޅަން ވެގެން އޭނާ ދުއްވަމުން ދިޔަ އެފް-4 ފެންތަމް އަސްކަރީ ޖެޓުގައި އޭގެ ކުރިން އެއްޗެއް ގޮވާފައިވާއިރު، ޢަމަލު މޫވްމަންޓުން އޭނާ އަތުލައިގަނެ، ހިޒްބުالله އާއި ހަވާލުކުރި އެވެ. އަރާދު ދިރިހުރި ކަމުގެ އެއްވެސް ނިޝާނެއް އަދި އޭނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް އަދި އަދާއި ހަމަޔަށް އިސްރާއީލަކަށް ނުލިބެއެވެ. އެ މީހުންނަށް އެނގިފައިވާ މިންވަރަކީ އޭނާ މަރައިލީ ކަމަށެވެ. ނަމަވެސް އެކަމުގެ ހެއްކެއް ނުލިބެއެވެ.

އެހެންކަމުން އިސްރާއީލުގެ ވައިގެ ކެޕްޓަން އަރާދުގެ ހަށިގަނޑަށް ވީ ހެން މި 48 މީހުންގެ ހަށިގަނޑަށް ވެސް ވާނީ ތޯ، މިއީ މިއަދު އިސްރާއީލްގެ ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލެކެވެ. މި މައްސަލައިގައި އިސްރާއީލް ރައްޔިތުން ކުށްވެރި ކުރަމުން ދަނީ ބޮޑުވަޒީރު ނަތަންޔާހޫއެވެ. ސަބަބަކީ ހަމާސްއިން ޢާންމުކުރި ތަސްވީރާއި އެކު ލިޔެފައިވާ ލިޔުންކޮޅުގައި ވަނީ ހަނގުރާމަ ހުއްޓާލަން ނަތަންޔާހޫ ދެކޮޅު ހަދައި ޒާމިރު ލައްވައި ޣައްޒާ ސިޓީގައި އަސްކަރީ އޮޕަރޭޝަން ފެށުމުން ރަހީނުންނާއި އަލްވަދާޢު ކިޔާ ކަމަށެވެ. ޒާމިރަކީ ޣައްޒާ ފަނާކޮށްލަން ނަތަންޔާހޫ ހަމަޖައްސާފައިވާ ޒައެނިސްޓް މިލިޓަރީ ޗީފް އެވެ. އޭނާ އަކީ ވަރަށް ނުބައި ނުލަފާ، އެއްވެސް ކަހަލަ ރަހުމެއް ހުންނަ އިންސާނެއް ނޫނެވެ.

އިސްރާއީލުގެ ހައްދުފަހަނަ އެޅި ސިފައިންގެ ވެރިޔާ ޒާމިރު (ވ) އޭނާގެ ޒައެނިސްޓް ހަނގުރާމަވެރިންނާއި ބައްދަލުކުރަނީ. މި ފޮޓޯގައި މޫނު ފުސްކޮށްލާފައި އެ ވަނީ އިސްރާއީލުގެ ސިފައިންގެ ތެރޭގައި އުޅޭ ބިދޭސީއެއް ކަމަށް ބެލެވޭ.

ކޮންމެޔަކަސް، ޣައްޒާގައި ހިނގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހަމާސް އާއި އެކު އެއްވެސް އެއްބަސްވުމަކަށް އައުމަށް ހައްދުފަހަނަ އެޅި ނުލަފާ ޒައެނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެތައް ފަހަރަކު ދެކޮޅު ހެދުމާއި، އިސްރާއީލުގެ ސިފައިންގެ ވެރިޔާ އީޔަލް ޒަމީރު އިސްކޮށް ހުރެ ބިމާއި އެއްގަމާއި ވައިގެ މަގުން ބާރުގަދަ ޙަމަލާތައް ދީ، ޣައްޒާ ސިޓީ "ސުންނާފަތިކުރުމުގެ ޕްލޭން ހުއްޓައިލުމަށް ދެކޮޅުހަދާތީ ހަމާސްއިން މި ފޮޓޯ ޢާންމުކުރީ، ކިތަންމެ ވަރަކަށް ޙަމަލާ ދިނަސް، ހަމާސްގެ ނުރުހުމުގައި އަސީރުންތައް އިސްރާއީލަކަށް ނުލިބޭނެކަން އެންގުމަށެވެ.

އިސްރާއީލުގެ ރޭޑިއޯއިން ބުނާ ގޮތުގައި ޣައްޒާގައި އަދިވެސް ގާތްގަނޑަކަށް ދިރިހުރި 20 އަސީރުން އެބަތިއްބެވެ. ޓްރަމްޕާއި ނަތަންޔާހޫ ވަނީ ދިރިތިބި އަދި މަރުވެފައިވާ ހުރިހާ އަސީރުން އަނބުރާ އިސްރާއީލުގެ ބިމަށް ގެންނާނެ ކަމަށް ވަޢުދު ވެފައެވެ. އަދި ހަމާސް “ނައްތައިލާނެ” ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

އިސްރާއީލުގެ ހަމަލާތައް ވަރުގަދަ ކުރުމާއި ބިމުން އަރައިގަތުމަކީ އަސީރުންގެ ފުރާނައަށް ނުރައްކާވާނެ ކަމެއް ކަމަށް ހަމާސް އިން މީގެ ކުރިން ވެސް އިންޒާރު ދީފައި ވެއެވެ. ބައެއް މީހުން މިހާރު ވެސް އިސްރާއީލުގެ ބޮންތަކުން މަރުވެފައިވާ ކަމަށް ހަމާސް އިން ވަނީ ބުނެފައެވެ. ޤައްސާމް ބްރިގޭޑުން ބުނަނީ އަސީރުން ތިބީ ޣައްޒާ ސިޓީގެ އެކި ހިސާބުތަކުގައި ކަމަށެވެ.

ހަމާސްއިން މި ފޮޓޯ ޢާންމުކުރުމާއި އެކު އިސްރާއީލުގެ ރައްޔިތުންގެ ތެރެއިން ލައްކައަކަށް ވުރެ ގިނަ މީހުން މަގުތަކަށް ނުކުމެ މުޒާހަރާކޮށް ނަތަންޔާހޫގެ ސަރުކާރު ކުށްވެރިކޮށް، ހަނގުރާމަ ނިންމާލައި ހުރިހާ އަސީރުން އަނބުރާ ގެނައުމަށް ހަމާސް އާއި އެކު މަޝްވަރާ ކުރުމަށް މިހާރު ދަނީ ގޮވަމުންނެވެ.

ހަމާސް އިން ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ލައްކައެއްހާ ފަލަސްޠީނު ރައްޔިތުން ޝަހީދުވެ ދެލައްކައެއްހާ މީހުން ޒަޚަމްވެފައި ވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%