ޔަމަނުގެ ހޫޘީ ހަނގުރާމަވެރި ފަހުލަވާނުން އަނެއްކާވެސް އިސްރާއީލުގެ ސަލާމަތީ ހުރިހާ ލޭޔަރެއް ފޫއަޅުވާލައި އިސްރާއީލުގެ އެއާޕޯޓަކަށް ޙަމަލާދީ ޔަހޫދީ ޒައެނިސްޓުންގެ 8 މީހުން ވަރަށް ބޮޑަށް ޒަޚަމް ކޮށްލައިފިއެވެ.
އިއްޔެ ޔަމަނުން ފޮނުވައިލި މި ޙަމަލާ އަމާޒުވީ އީލާތު ކައިރީގައި އޮންނަ އިސްރާއީލުގެ ރަމޯން އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
ޔަހޫދީ އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ މި ޙަމަލާ ކަށަވަރުކޮށްދީފައެވެ. އަދި މި ޑްރޯން ޙަމަލާ އަމާޒުވީ އެއާޕޯޓުގެ ޓާމިނަލަށް ކަމަށާއި އެއާއި އެކު އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓަލަން ޖެހުނު ކަމަށް ބުނެފައި ވެއެވެ.
މި ޙަމަލާގެ ޒިންމާ ހޫޘީން ނަގާފައިވާއިރު، މިއީ އޮގަސްޓް މަހު އިސްރާއީލުން ހޫޘީންގެ ކެބިނެޓްގެ އެތައް ބަޔަކު ޝަހީދު ކޮށްލި ފަހުން ޔަމަނުން އިސްރާއީލުގެ ބިމަށް ސީދާ ބޮޑު ހަމަލާއެއް ދިން ފުރަތަމަ ފަހަރެވެ.