އަބޫ އުބައިދާ އާއެކު 12 މީހުން ޝަހީދުވި - އިސްރާއީލް

ޢަބްދުﷲ ޖުނައިދު | 3 ދުވަސް ކުރިން - 31 އޯގަސްޓް 2025 04:22
ހަމާސްގެ އަސްކަރީ ވިންގުގެ ތަރުޖަމާނު އަބޫ އުބައިދާ.
ހަމާސްގެ އަސްކަރީ ވިންގުގެ ތަރުޖަމާނު އަބޫ އުބައިދާ.
ޚުލާސާ

މިއީ އުބައިދާ ޝަހީދު ކޮށްލައިފީމޭ ބުނެ ޚަބަރު ފަތުރި 23 ވަނަ ފަހަރު.

އިސްރާއީލުން ޝަހީދު ކޮށްލަން އެންމެ ބޮޑަށް ބޭނުންވާ ހަމާސްގެ އަސްކަރީ ވިންގުގެ ތަރުޖަމާނު އަބޫ އުބައިދާ ޝަހީދު ކޮށްލައިފި ކަމަށް އިސްރާއީލުން ބުނެފިއެވެ. 

ނުރަސްމީ ބައެއް މަސްދަރުތަކުން އަބޫ އުބައިދާގެ ޢާއިލާއަށް އޭނާގެ ޝަހީދު ވެފައިވާ ހަށިގަނޑު ފެނިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ. އުބައިދާ ޝަހީދުވި ވާހަކަ ބޭރުގެ އެތައް މީޑިއާއަކުން ރިޕޯޓްކުރިޔަސް ޙަމާސް އަކުން އަދި އެކަމާއި މެދު އެއްޗެކޭ ނުބުނެއެވެ. ވިކިޕީޑިއާގައިވާ އޭނާގެ ބަޔޮގްރަފީގައިވެސް ޝަހީދުވެފައިވާ ކަމަށް ބުނެފައިވާއިރު މި ވަގުތު އެ ބަޔޮގްރަފީ ދަނީ އެޑިޓް ކުރަމުންނެވެ.

މިވަގުތު އަޕްޑޭޓްކުރަމުންދާ އަބޫ އުބައިދާގެ ވިކިޕީޑިއާ ޕޭޖް (31 އޮގަސްޓް ދަންވަރު)

ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ވަރަށް ޔަޤީންކަމާއި އެކު ބުނީ އޮގަސްޓް ތިރީސް ވަނަ ދުވަހު ރިމާލް އަވަށަށް އިސްރާއީލް ޑިފެންސް ފޯސް އިން ދިން ޙަމަލާތަކުގައި އަބޫ އުބައިދާ ޝަހީދުވެއްޖެ ކަމަށާއި އޭނާއާއި އެކު އިތުރު 11 މީހުން ޝަހީދުކޮށްލި ކަމަށެވެ.

ތަރުޖަމާނު އަބޫ އުބައިދާ ޝަހީދުވިކަން ޙަމާސްއިން ހާމަ ނުކުރިޔަސް 12 ވަރަކަށް މީހުން ރިމާލްގައި ޝަހީދުވި ކަމަށާއި އޭގެތެރޭގައި ޙަމާސްގެ މުޖާހިދުން ހިމެނޭކަމަށް އެ ޖަމާޢަތުން ވެސް ބުނެއެވެ.

އަބޫ އުބައިދާ ޝަހީދު ނުވެއޭ ބުނެ އާދީއްތަ ދުވަހުގެރޭ އަޕްލޯޑް ކޮށްފައިވާ ވީޑިއޯއަކުން ނަގާފައިވާ ސްކްރީންޝޮޓެއް - މި ވީޑިއޯގައި އޭނާ ވާހަކަދައްކަވާ އަޑެއް ނީވޭ. މިއީ އެޑިޓްކޮށްފައިވާ ވޯޑިއޯއެއް.

އަބޫ އުބައިދާ ޝަހީދު ނުވާ ކަމަށް ބުނެ ވީޑިއޯއެއްވެސް އާދީއްތަ ދުވަހުގެރޭ ރާއްޖޭގެ ގަޑިން 00:04 ގައި ޕޯސްޓް ކޮށްފައި ވެއެވެ. ނަމަވެސް އެ ވީޑިއޯ އަކީ އެޑިޓް ކޮށްފައިވާ ވީޑިއޯއެއްކަން އެނގެއެވެ. އަދި އެ ވީޑިއޯގައި ވެސް މިވެނި އެވެނި ތާރީޚެއްގައި އިސްރާއީލުން ޙަމަލާދީ އަބޫ އުބައިދާ ޝަހީދުކޮށްލިއޭ ބުނެ ދައްކާ ވާހަކަތަކާއި ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. އެހެންކަމުން މިރޭ ދައުރުވަމުންދާ ވީޑިއޯއަށް ބަލައި އަބޫ އުބައިދާ ޝަހީދު ނުވާކަމަށް ބުނެވޭކަށް ނެތެވެ.

އަބޫ އުބައިދާ ޝަހީދުވެއްޖެ ކަމަށް މީގެ ކުރިން ވެސް 22 ފަހަރަކު އިސްރާއީލުގެ މީޑިއާއިން ޚަބަރު ފެތުރިއެވެ. ނަމަވެސް އޭގެ ކޮންމެ ފަހަރަކު އޭނާ ވީޑިއޯތަކުން ފެނިގެންދާތީ އިސްރާއީލުގެ މީޑިއާއިން ދައްކާ ވާހަކަތަކަށް އިތުބާރެއް ނުކުރެވެއެވެ.

މި ފަހަރު އިސްރާއީލްގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ބުނީ ދެނެއް އަބޫ އުބައިދާއެއް ނާންނާނެ ކަމަށާއި ޙަމާސްގެ ޚަބަރު ފަތުރާކަށް އަބޫ އުބައިދާއެއް ނުހުންނާނެ ކަމަށެވެ. އަދި އޭނާ އޮގަސްޓް 30 ގައި ދިން ޙަމަލާގައި ޝަހީދުވެއްޖެ ކަމަށެވެ.

އަބޫ އުބައިދާ ޝަހީދުކޮށްލި ކަމަށް އިސްރާއީލުން ބުނާއިރު، ޙަމާސްއިން މިހާރު ވަނީ އަސްކަރީ ކޮމާންޑަރު މުޙައްމަދު ސިންވާރު ޝަހީދުވެއްޖެ ކަމަށް މިއަދު ރަސްމީކޮށް އިޢުލާން ކޮށްފައެވެ. މުޙައްމަދު ސިންވާރަކީ ކުރީގެ ކޮމާންޑަރު ޔަހްޔާ ސިންވާރުގެ ކޮއްކޯފުޅެވެ. މުޙައްމަދު ޝަހީދުކޮށްލައިފި ކަމަށް އިސްރާއީލުން ޖުލައި މަހުގެ 13 ވަނަ ދުވަހު އިޢުލާން ކުރިއެވެ. ނަމަވެސް ޙަމާސް އިން އެކަން ކަށަވަރު ކޮށްދިނީ މިއަދުއެވެ. އެހެންކަމުން އަބޫ އުބައިދާގެ ވާހަކަ ވެސް ޙަމާސް އިން އަދި ހާމަ ނުކުރަނީ ކަމަށް ބެލެވޭނެ ޖާގަ އެބައޮތެވެ.

ޚަބަރުތައް ބުނާ ގޮތުގައި އަބޫ އުބައިދާ ޝަހީދުވި ޙަމަލާގައި ކުޑަކުދިން ހިމެނޭ ގޮތަށް އިތުރު 11 މީހަކު ޝަހީދުވެފައި ވެއެވެ.

ނުރަސްމީ މަސްދަރުތަކުން މަޢުލޫމާތު ލިބޭ ގޮތުގައި އަބޫ އުބައިދާ ޝަހީދުވީ އިސްރާއީލުން ފޮނުވައިލި މިސައިލް ޙަމަލާ އޭނާ ހުންނެވި ޢިމާރާތަށް އެރުމާއެކު އެ ޢިމާރާތް ވެއްޓި، ގައުތަކުގެ ތެރޭގައި ބޮޑެރި ޒަޚަމްތަކައި އެކުއެވެ. އަދި، އުބައިދާގެ ޢާއިލާގެ މެމްބަރުން ވަނީ އެޕާޓްމަންޓް އިމާރާތުގެ ގައުތަކުގެ ދަށުން އޭނާގެ ހަށިގަނޑު ނެގުމަށް ފަހު ޝަހީދުވިކަން ކަށަވަރުކޮށްދީފައި ކަމަށާއި، ނަމަވެސް، ޒަޚަމްތަކާއި ބެހޭ އިތުރު މަޢުލޫމާތެއް ނުދެއެވެ. އަދި އޭނާ އެންމެ ފުރަތަމަ ފެނުނީ ކޮން ބަޔަކަށްތޯ އާއި ޖަނާޒާގެ އިންތިޒާމްތަކާއި ބެހޭ އެއްވެސް މަޢުލޫމާތެއް ވެސް ހާމައެއް ނުކުރެ އެވެ.

1985 ވަނަ އަހަރު އުފަންވި ޙުޛައިފާ ސަމީރު އަބްދުالله އަލް ކަހުލޫތު އަބޫ އުބައިދާ އަކީ 2007 ވަނަ އަހަރުން ފެށިގެން އިއްޒުއްދީން އަލް ޤައްސާމް ބްރިގޭޑްގެ ތަރުޖަމާނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%