އަންނަ ހުކުރު ދުވަހު (އޮގަސްޓް 15 ވަނަ ދުވަހު) ރަޝިއާގެ ރައީސް ވްލަޑީމީރް ޕޫޓިން އާއި އެކު އެމެރިކާގެ އަލަސްކާގައި ތާވަލް ކޮށްފައިވާ ސަމިޓުގެ ކުރިން ރައީސް ޑޮނަލްޑް ޓްރަމްޕާއި ސީދާ މަޝްވަރާތައް ކުރުމަށް ޔޫރަޕްގެ ލީޑަރުން މަސައްކަތް ފަށައިފިއެވެ.
ޔޫރަޕިއަން ޔޫނިއަނުން އެންމެ ބޮޑަށް ޖެހިލުން ވަނީ ޒެލެންސްކީ އާއި އެކު ރަޝިއާ އަށް ފައިދާ ލިބޭ ކަހަލަ އެއްބަސްވުމަކަށް ގޮސްދާނެތީއެވެ. އެއީ މިހާރު މިއޮތް ޙާލަތުގައި އޮއްވައި ހަނގުރާމަ ހުއްޓާލައިފި ނަމަ ޔޫރަޕަށް ނާކާމިޔާބާއި ކުރިމަތިލާން ޖެހިދާނެތީއެވެ. އަނެއްކޮޅުން ވޮލޮޑީމީރް ޒެލެންސްކީ ވެސް ބޭނުންފުޅު ވަނީ ވީހާ ވެސް އަވަހަށް ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކަމަށް ޔޫރަޕަށް ވެސް އެނގެއެވެ.
ހުޅަނގުގެ ބަހަށް ހެއްލިގެން ރަޝިއާ އާއި އެކު ހަނގުރާމައެއް ކޮށްގެން ޔުކްރޭނަށް ކުރިއެރުމެއް ނުލިބޭނެކަން ޚުދު ޒެލެންސްކީ އަށް ވެސް މިހާރު އެނގިވަޑައިގަނެއެވެ.
ޔޫރަޕިއަން ޔުނިއަން (އީޔޫ) އަކީ އެމެރިކާގެ ކުރީގެ ރައީސް ޖޯ-ބައިޑެންގެ ވެރިކަމުގައި އެންމެ ފާޅުކަން ބޮޑު ގޮތަކަށް ޕޫޓިން އާއި ދެކޮޅަށް ޔުކްރޭނާއި އެކު ތިބި މީހުންނެވެ. އޮސްޓްރޭލިއާ އާއި އަޔަލެންޑާއި ސައިޕްރަސް އާއި މާލްޓާ އަދި ސްވިޑެން ފިޔަވައި އީޔޫގެ ހުރިހާ މެންބަރު ޤައުމަކީ ނޭޓޯގެ ޤައުމުތަކެވެ. ރަޝިއާ އާއި ދެކޮޅަށް ޔުކްރޭނު ނެރެގެން އުޅެނީ ނޭޓޯއިންނެވެ. ބޭނުމަކީ ނޭޓޯ ފުޅާކޮށް ރަޝިއާ އަށް ބިރުދެއްކުމެވެ.
މި ހަނގުރާމަ ފެށި އިރު އަޑީގައި ހުންނެވި އެމެރިކާގެ އޭރުގެ ރައީސް ޖޯ-ބައިޑެންގެ ސިޔާސަތަށް ވުރެ ޓްރަމްޕުގެ ސިޔާސަތަކީ ހަނގުރާމަ ހުއްޓުވުން ކަމަށް ވެފައި ޓްރަމްޕުގެ ފުރަތަމަ ދައުރުގައި ވެސް ޕޫޓިން އާއެކު ގާތް ގުޅުމެއް ބާއްވާފައި ވުމުންނާއި އަދި، މިފަހަރުވެސް ރައީސް ކަމަށް ވަޑައިގެން ޕޫޓިނާއެކު ފޭސް-ޓު-ފޭސް ބައްދަލުވުމެއް ބާއްވާއިރު މި މަހާސިންތާގެ ތެރެއިން ރަޝިއާގެ މަސްލަހަތު ކޮންޓުރޯލް ކުރެވޭނެ ފަދަ އެއްބަސްވުމެއް ޓްރަމްޕް މެދުވެރިވެގެން އެކުލަވާލަފާނެތީވެ ޔޫރަޕުން ކަންބޮޑުވަނީއެވެ.
ޓްރަމްޕުގެ ސަރުކާރުން މިހާރު ވަނީ މި މަހާސިންތާގައި ބައިވެރިވަޑައިގަތުމަށް ޔުކްރޭނުގެ ރައީސް ޒެލެންސްކީ އަށް ވެސް ދަޢުވަތު އަރުވާފައެވެ. އީޔޫ އިން ކަންބޮޑުވަނީ އެ މީހުންނަށް ދަޢުވަތު އަރުވާފައި ނުވާތީއެވެ. އެހެންކަމުން އީޔޫ އަށް ހީވަނީ ރަޝިއާގެ މަސްލަޙަތު ނުގެއްލޭނެ ގޮތަށް ޔުކްރޭނާއި އެކު އެއްބަސްވުމެއް ހަދާފާނެ ކަމަށެވެ. އީޔޫއިން ތެޅިފޮޅެނީ މިކަމާއިހެދިއެވެ. ޚާއްޞަކޮށް ޖަރުމަނާއި ފްރާންސް، ޕޮލެންޑް އަދި ނޯޑިކް-ބަލްޓިކް ސަރަޙަދުގެ ބައެއް ވެރިން އެކަމާއި މާޔޫސްވެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެ ޤައުމުތަކުން ބުނަނީ ޔޫކްރޭންގެ މުސްތަޤުބަލާއި މެދު އެއްވެސް މަޝްވަރާއެއް ކުރާނަމަ އެ މީހުން ވެސް އެ ބައްދަލުވުންތަކުގައި ބައިވެރިކުރުވާން ޖެހޭނެ ކަމަށެވެ.
ޔޫރަޕްގެ ލީޑަރުން ބުނަނީ ޔުކްރޭނު މައްސަލައިގައި އެމެރިކާއިން ޕޫޓިން އާއި މަޝްވަރާ ކުރާއިރު ޔޫރަޕިއަން ޔޫނިއަން ބައިވެރިކުރުވާން ޖެހޭނެ ކަމަށް / ފޮޓޯ: ގެޓީ އިމޭޖްސް
ޔޫރަޕުން އެހެން އެ ބުނާ ބުނުންތަކުގައި ޤަބޫލުކުރެވޭ ސަބަބެއް ވެސް އެބަ އޮތެވެ. އެންމެ މުހިއްމު އެއް ކަމަކަށް ބަލާނަމަ، “ޖޯކަރު” ޒެލެންސްކީ އަކީ އެ މީހުން މިހާތަނަށް 164.8 ބިލިއަން ޔޫރޯ ޚަރަދުކޮށްގެން ގެންގުޅުއްވާ “ޕަޕެޓެއް” ކަމަށް ވެފައި ހުޅަނގުގެ ޢަމަލުތަކުގެ ސަބަބުން ރައްދުގައި ޕޫޓިން އެޅުއްވި ފިޔަވަޅުތަކުން މުޅި ޔޫރަޕްގައި ތަކެތީގެ އަގު ބޮޑުވެ މައްސަލަތައް ކުރިމަތިވެފައި އޮއްވައި އެމެރިކާ މެދުވެރިކޮށް ޒެލެންސްކީ އާއި އެކު ރަޝިއާއިން އެއްބަސްވުމަކަށް ގޮސްފި ކަމަށް ވާނަމަ އެކަމުގެ ސަބަބުން ހުޅަނގުގެ ޕްލޭން ފެއިލްވެ، އާޚިރުގައި ރަޝިއާ މޮޅުވެ ޔޫރަޕަށް ގެއްލުނެތަކެއް ލިބިދާނެތީއެވެ. ރަޝިއާ ބަލިކޮށް ރަޝިއާގެ ބުޑަށް ނޭޓޯ ގެނައުމަށް ޔޫރަޕުން ހެދި ޕްލޭނާއި ދެކެމުން ދިޔަ ހުވަފެންތައް ބިލާހަކަށް ވެގެން ގޮސް ޔޫރަޕަށް ބޮޑު ލަދަކާއި ކުރިމަތިލާން ޖެހޭނެކަން އެ މީހުންނަށް އެނގެއެވެ.
މި ސަބަބާއި ހުރެ ޔޫރަޕިއަން ޔޫނިއަނުން އާދޭސް ކުރަމުން ދަނީ ހުކުރު ދުވަހުގެ ކުރިން އެމީހުންނާއި ޓްރަމްޕް ބައްދަލުކުރެއްވުމަށެވެ. އަދި ޒެލެންސްކީ އާއި ބައްދަލުކުރައްވާނީ ޔޫރަޕިއަން ޔޫނިއަންވެސް ޝާމިލް ވެގެން، ޔޫރަޕިއަން ޔޫނިއަންގެ ބައިވެރިވުމާއި އެކުގައި ކަމަށް ވެސް ދަނީ ބުނަމުންނެވެ.
ޕޫޓިން-ޓްރަމްޕުގެ މަހާސިންތާ އާއި ގުޅިގެން އީޔޫ އިން މިހާރު ގެންދަވަނީ ޒެލެންސްކީ އާއި އެކު މަޝްވަރާތައް ބާއްވަމުންނެވެ. ޚަބަރު ލިބޭ ގޮތުގައި އީޔޫ އިން ޒެލެންސްކީ އަށް ޕްރެޝަރު ކުރަނީ އެ މީހުންނާއި ނުލައި ޓްރަމްޕާއި ޕޫޓިން އާއި މަޝްވަރާތައް ނުބޭއްވުމަށެވެ. އަދި ހުޅަނގުގެ ބަސް އިއްވައި ނުލެވޭ ފަދަ ސަމިޓެއްގައި ބައިވެރިވެވަޑައިނުގެންނެވުމަށެވެ. އެހެންކަމުން ޕޫޓިން-ޓްރަމްޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޔުކްރޭނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ އަލަސްކާ އަށް ވަޑައިގަންނަވާނެތޯ އަދި ނޫންތޯ މިއީ ބޮޑު ސުވާލެކެވެ؟ ކީވް އަކުން މީގެ ޖަވާބެއް ރަސްމީކޮށް އަދި އިޢުލާނެއް ނުކުރެއެވެ.