ޕޫޓިން-ޓްރަމްޕް ސަމިޓް ގެ ނަމުގައި މި މަހުގެ 15 ވަނަ ދުވަހު އެމެރިކާގައި ސަމިޓެއް ބާއްވާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެދިވަޑައިގަތުމަށް ރަޝިއާގެ ރައީސް ވްލަޑީމީރް ޕޫޓިން އެއްބަސްވެވަޑައިގެންފި ކަމަށް ރަޝިއާގެ މަސްދަރުތަކުން ބުނެފިއެވެ.
މި ސަމިޓް ހަމަޖެހުނީ މީގެ ދުވަސްކޮޅެއް ކުރިން ރަޝިއާ އަށް ބިރު ދެއްކުމަށް އެމެރިކާގެ ނިއުކްލިއާ ސަބްމެރިންގެ ދެސަބްމެރިން ރަޝިއާ ސަރަޙައްދަށް އެމެރިކާއިން ފޮނުވާފައި ވަނިކޮށެވެ. އެކަމާއި ގުޅިގެން ޕޫޓިންގެ ސަރުކާރުން ވަނީ އެމެރިކާ އަށް ޙަމަލާ ދޭން ޖެހިދާނެ ކަމަށް ވެސް ބުނެފައެވެ. އެއާއި އެކު ދެން ފެނިގެން ދިޔައީ ޓްރަމްޕްގެ ފަރާތުން ޕުޓިން އާއި ބައްދަލުކުރެއްވުމަށް މޮސްކޯ އަށް ވިޓްކޯފް ވަޑައިގެންނެވި ތަނެވެ.
ވިޓްކޯފާއި ޕޫޓިންގެ ބައްދަލުވުމުގެ ތަފްޞީލެއް އޭރު ދެ ޤައުމަކުންވެސް ހާމައެއް ނުކުރެއެވެ.
ނަމަވެސް މިއަދު ޕޫޓިންގެ އެންމެ އިސް އެހީތެރިޔާ ޔޫރީ އުޝަކޯވް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަށަވަރުކޮށްދެއްވި ގޮތުގައި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު ވަރަށް ޚާއްޞަ ބައްދަލުވުމެއް އޮންނާނެއެވެ. މި ބައްދަލުވުން އޮންނާނީ އެމެރިކާގެ ސްޓޭޓް އޮފް އަލަސްކާގައެވެ.
މިކަން ރަޝިއާއިން އިޢުލާންކުރުމުގެ ކުރިން ޓްރުތް މީޑިއާގައި ޓްރަމްޕްވެސް މިކަހަލަ އިޝަރާތެއް ދެއްވެވިއިރު، ޑުބާއީ އަކީ ދެބޭފުޅުން ބައްދަލުކުރެއްވުމަށް އެންމެ އެކަށީގެންވާ މަންޒިލް ކަމަށް ޕޫޓިން ވިދާޅުވި ކަމަށް ރޭ ހުޅަނގުގެ ބައެއް މީޑިއާތަކުން ބުނަމުން ދިޔައެވެ.
މިއަދުގެ ބައްދަލުވުމުގައި އުޝަކޯވް ވިދާޅުވީ ހަނގުރާމައިގެ މަޝްވަރާގެ އިތުރުން އަލަސްކާގައި ހުކުރު ދުވަހު ބާއްވާ މި ސަމިޓަކީ ދެޤައުމުގެ ގުޅުން ވަރުގަދަ ކުރުމަށް ބާއްވާ ސަމިޓެއް ކަމަށާއި މަޝްރޫޢުތައް ހިންގުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އޭނާ ވިދާޅުވީ ޔުކްރޭނު މައްސަލައިގައި ރަޝިއާއިން ބަލާނީ ދެމިއޮންނަ ހައްލެއް ކަމަށާއި ރަޝިއާގެ އިސްތިޤްލާލަށް ގެއްލުން ނުވާނެ އަދި އެ ޔަޤީންކަން އޮންނަ ގޮތަކަށް ނޫން އެހެން ގޮތަކަށް ރަޝިއާއިން ޢަމަލެއް ނުކުރާނެ ކަމަށެވެ. މި ބައްދަލުވުން އިޢުލާން ކުރެއްވިއިރު އިއްޔެ އަކީ ޔުކްރޭނަށް ޙަމަލާ ނުދިނުމަށް ޕޫޓިން އަށް ޓްރަމްޕް ދެއްވި އިންޒާރުގެ މުއްދަތު ވެސް ހަމަވި ދުވަހެވެ. ނަމަވެސް އެ އިންޒާރު ޕޫޓިން އަޑެއް ނޭއްސެވިއެވެ. ރޭ ވެސް ރަޝިއާ އިން ޔުކްރޭނަށް ޙަމަލާ ދިނެވެ.
ރަޝިއާއިން ރޭ ދަންވަރު އޮޑެސާގެ ތެޔޮ އުފައްދާ ތަނަކަށް ވެސް ޙަމަލާދީ ބޮޑެތި ގެއްލުންތައް ޔުކްރޭނަށް ދިނެވެ. ރަޝިއާއިން 100 އަށް ވުރެ ގިނަ ޑްރޯން ބޭނުންކޮށް ރޭ ވެސް ޔުކްރޭނަށް ޙަމަލާ ދިނެވެ.
ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕު ދެއްވި މުހުލަތު ފަހަނައެޅިއިރު ރަޝިއާއިން ބުނީ “މިއީ (ޔުކްރޭނު ހަނގުރާމަ އަކީ) އެމެރިކާއާއި ބެހޭ ކަމެއް ނޫން” ކަމަށާއި މަޝްވަރާ ކުރަން ތައްޔާރު ކަމަށެވެ. ސމިޓުގައި ވެސް އެކަމަށް އަލި އަޅުވާލާނެ ކަމަށް އުޝަކޯވް ވިދާޅުވިއެވެ.
"ދެމިއޮތް ސުލްހައެއް ހާސިލްކުރުމަށް އޮތް އިޚްތިޔާރުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ސަމާލުކަން ދެއްވާނެ،" އޭނާ ފާހަގަކުރެއްވި އެވެ.
ކްރެމްލިން އިން ބުނީ އަލަސްކާއަށް ފަހު ދެން އޮންނަ ބައްދަލުވުން ރަޝިޔާގައި އޮންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.