ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ތާރީހީ ހަފުލާއަށް އެމްއޭސީއެލް އިން ވަނީ ކުރީގެ ރައީސުންނަށް ދައުވަތު އަރުވާފައެވެ. މި ހަފްލާ ރޭ ބާއްވާފައިވާއިރު، އެމްއޭސީއެލް އިން އެރުވި ދައުވަތު ގަބޫލުފުޅު ކުރައްވައި ހަފްލާގައި ބައިވެރިވެވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އެވެ.
ނަޝީދަކީ ދައުލަތުން ބޮޑެތި އަދަދުން ލޯނު ނަގައިގެން އެއާޕޯޓު ތަރައްގީ ކުރުމުގެ ވިސްނުމާ ދެކޮޅަށް މި ފަހުން ވެސް އަޑު އުފުއްލަވާފައިވާ ބޭފުޅަކަށް ވީ ނަމަވެސް އެ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ވެސް އާ ޓާމިނަލް ހުޅުވުމުގެ ކުލަގަދަ ހަފުލާ އަށް އެ މަނިކުފާނު ވަޑައިގަތެވެ.
ޓޫރިޒަމް ދާއިރާގެ އިސްބޭފުޅުންނާއި މަސްލަހަތުވެރިން އެކުލެވޭގޮތަށް ހަދާފައިވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ދައުލަތަށް އެންމެ ރަނގަޅުވާނީ ވެލާނާ އެއާޕޯޓު ބަޔަކަށް ޓެންޑާކޮށް އެންމެ ބޮޑު އަގެއް ހުށަހަޅާ ބަޔަކަށް ވިއްކާލުން ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައިވެސް އެއާޕޯޓު ހިންގީ އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ވިއްކާލައިގެންނެވެ.
ކުރީގައި ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މިއަދު ދުނިޔޭގައި ތިއްބެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މި ހުރިހާ ބޭފުޅުންނަށް ވެސް އެމްއޭސީއެލް އިން ވަނީ ދައުވަތު އަރުވާފައެވެ.
ނަމަވެސް ރައީސް މައުމޫން އާއި، ރައީސް ޔާމީން އަދި ރައީސް ސޯލިހް އެ ހަފްލާގައި ބައިވެެެރިވެވަޑައިގެންފައެއް ނުވެއެވެ.
މިނިވަން ދުވަހުގެ ދިދަ ނެގުމާއި ޖުމްހޫރީ މައިދާނުގައި އޮތް ހެވިކަމާއި ކުޅިވަރުގެ އިތުރުން ރަސްމީ ޖަލްސާއަށް ވެސް ހުރިހާ ރައީސުންނަށް ސަރުކާރުން ވަނީ ދައުވަތު އަރުވާފައެވެ. ދިދަ ނެގުމާއި ކުޅިވަރު ހަރަކާތްތައް ބައްލަވަން ވެސް ވަޑައިގަތް ކުރީގެ ރައީސުންނަކީ ނަޝީދާއި ވަހީދު އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގައެވެ. ނަމަވެސް ނިމިދިޔަ އިބްރާހިމް ސޯލިހުގެ ވެރިކަމުގައި ޓާމިނަލްގެ މަސައްކަތް ދިގުލައިގެން ދިޔަ ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ބާރު ސްޕީޑެއްގައި ވަނީ މަސައްކަތް ނިންމާލާފަ އެވެ.
ރޭގެ ހަފްލާގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާ ޓާމިނަލްގެ މަސައްކަތުގައި ނިމިދިޔަ ދެ ސަރުކާރުން އަދާކުރި ދައުރު ފާހަގަކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށާއި އިބްރާހިމް މުހައްމަދު ސޯލިހު އަށް ޝުކުރު އަދާކުރައްވާފައެވެ.
ތާރީހީ ކުލަގަދަ ހަފްލާއަކާއެކު ރޭ ހުޅުވިގެން ދިޔަ ޓާމިނަލަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. 350 މިލިއަން ޑޮލަރަށް ސައުދީގެ ބިންލާދިން ގްރޫޕާއި ހަވާލުކޮށްގެން އޭރު އެ މަސައްކަތް ފެށީ 2019 ވަނަ އަހަރަށް މަސައްކަތް އެއްކޮށް ނިންމާލާ ގޮތަށެވެ. ނަމަވެސް އެ ވެރިކަން ބަދަލުވެގެން ދިިޔައިރުވެސް ޓާމިނަލުގެ ޕައިލިން މަސައްކަތް ފިޔަވައި އިތުރު މަސައްކަތެެއް ކުރެވިފައި ނެތެވެ.
ޖެހިގެން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ސޯލިހުގެ ވެރިކަމުގައި ޓާމިނަލުގެ ޑިޒައިންތަކަށް ބަދަލުގެނެސް އާ ޓާމިނަލުގެ މަސައްކަތް ފަށައި ޓާމިނަލުގެ ފްރޭމާއި ފުރާޅުގެ މަސައްކަތް ނިންމި ނަމަވެސް ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރުވެސް ޓާމިނަލުގެ ގިނަ މަސައްކަތް ހުރީ ނުނިމި އެވެ. އެކަން އެމްއޭސީއެލްއިންވެސް ވަނީ ހާމަކޮށްފަ އެވެ.
އާ ޓާމިނަލްއަށް ގެނައި ބަދަލުތަކާއެކު ރައީސް މުއިއްޒުގެ ސަރުކާރުގެ ދޮޅު އަހަރުތެރޭގައި ޓާމިނަލުގެ ނުނިމިހުރި މަސައްކަތް ފުރިހަމަކޮށް މުޅި ޓާމިނަލުގެ މަސައްކަތް އެއްކޮށް ނިންމާލާފައި ވަނީ ޖުމްލަ 438 މިލިއަން ޑޮލަރު ހަރަދު ކޮށްގެންނެވެ.
އާ ޓާމިނަލްއަކިީ ޖުމުލަ 72،000 އަކަ މީޓަރުގެ ބޮޑު ޓާމިނަލެކެވެ. އެ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން އަހަރަކު 7.5 މިލިއަން ފަތުރުވެރިންނަށް އެ ތަނުން ހިދުމަތް ދެވޭނެ އެވެ.