އާ ޓާމިނަލުގެ ޝުކުރު ރައީސް މުއިއްޒުގެ ފަރާތުން ކުރީގެ 2 ރައީސުންނަށް!

މުހައްމަދު ޖަމްޝަތު | 12 ގަޑިއިރު ކުރިން - 26 ޖުލައި 2025 23:42
އާ ޓާމިނަލް ހުޅުވުމަށް ބޭއްވި ހާއްސަ ޑްރޯން ޝޯގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަަންނަވާފައި---ފޮޓޯ: ޚުލާސާ
އާ ޓާމިނަލް ހުޅުވުމަށް ބޭއްވި ހާއްސަ ޑްރޯން ޝޯގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަަންނަވާފައި---ފޮޓޯ: ޚުލާސާ
ޚުލާސާ

އާ ޓާމިނަލް އިފްތިތާހު ކުރުމަކީ ރާއްޖޭގެ ތަރައްގީއަށް ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަަމަށާއި އެއާޕޯޓަކީ ރާއްޖޭގެ އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބުކަމަށް ރައީސް ވިދާޅުވި.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތުގައި ނިމިދިޔަ ދެ ސަރުކާރުން އަދާކުރި ދައުރު ފާހަގަކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށާއި އިބްރާހިމް މުހައްމަދު ސޯލިހު އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފި އެވެ.

ތާރީހީ ކުލަގަދަ ހަފްލާއަކާއެކު މިރޭ ހުޅުވިގެން ދިޔަ ޓާމިނަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2016 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. 350 މިލިއަން ޑޮލަރަށް ސައުދީގެ ބިންލާދިން ގްރޫޕާއި ހަވާލުކޮށްގެން އޭރު އެ މަސައްކަތް ފެށީ 2019 ވަނަ އަހަރަށް މަސައްކަތް އެއްކޮށް ނިންމާލާ ގޮތަށެވެ. ނަމަވެސް އެ ވެރިކަން ބަދަލުވެގެން ދިިޔައިރުވެސް ޓާމިނަލުގެ ޕައިލިން މަސައްކަތް ފިޔަވައި އިތުރު މަސައްކަތެެއް ކުރެވިފައި ނެތެވެ.

ޖެހިގެން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޓާމިނަލުގެ ޑިޒައިންތަކަށް ބަދަލުގެނެސް އާ ޓާމިނަލުގެ މަސައްކަތް ފަށައި ޓާމިނަލުގެ ފްރޭމާއި ފުރާޅުގެ މަސައްކަތް ނިންމި ނަމަވެސް ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރުވެސް ޓާމިނަލުގެ ގިނަ މަސައްކަތް ހުރީ ނުނިމި އެވެ. އެކަން އެމްއޭސީއެލްއިންވެސް ވަނީ ހާމަކޮށްފަ އެވެ.

އާ ޓާމިނަލްއަށް ގެނައި ބަދަލުތަކާއެކު ރައީސް މުއިއްޒުގެ ސަރުކާރުގެ ދޮޅު އަހަރުތެރޭގައި ޓާމިނަލުގެ ނުނިމިހުރި މަސައްކަތް ފުރިހަމަކޮށް މުޅި ޓާމިނަލުގެ މަސައްކަތް އެއްކޮށް ނިންމާލާފައި ވަނީ ޖުމްލަ 438 މިލިއަން ޑޮލަރު ހަރަދު ކޮށްގެންނެވެ.

އާ ޓާމިނަލު ހުޅުވުމަށް މިރޭ ބޭއްވި ތާރީހީ ކުލަގަދަ ހަފްލާގައި ރައީސް މުއިއްޒު ވިދާޅުވީ އާ ޓާމިނަލަކީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތް ކަމަށާއި މިއީ ކުރީ ދެސަރުކާރުގެވެސް ވަރަށް ބުރަ މަސައްކަތުން ނިމުނު ޓާމިނަލެއް ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު މި ދެންނެވި ފަރާތްތަކަށް ޝުކުރު ދަންނަވަން. ހާއްސަކޮށް މި މަސައްކަތް ފެށިގެން އައީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމުގައިވާތީ، އެމަނިކުފާނަށާއި ދެން އެއަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކަމުގައިވާތީ، މި ދެ ރައީސުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މިރެއަކީ ވަރަށް ތާރީހީ ރެއެކެވެ. އަދި އާ ޓާމިނަލުގެ ކާމިޔާބީއަކީ ވަރަށް ބުރަ މަސައްކަތުން ހާސިލްވި އެއްޗެއް ކަމަށާއި މި ބޮޑު މަސައްކަތް ހަގީގަތަކަށް ހެދުމުގައި ބައިނަލްއަގުވާމީ ތަރައްގީގެ އެކުވެރިންގެ ފަރާތުން ލިބުނު އެހީތެރިކަން ވަރަށް މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.

މި ޓާމިނަލް ބިނާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް، ކުވައިތު ފަންޑް، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް އަދި އޮޕެކް ފަންޑަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާފަ އެވެ. މީގެ އިތުރުން، މި ފަންޑުތަކުގެ ގައުމުތަކުގެ ލީޑަރުންނަށް ވެސް ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ. އެބޭފުޅުންގެ އެހީތެރިކަން ފޯރުކޮށްދެއްވީ ވަރަށް ލުއިގޮތްތަކަށް ލޯނުގެ ގޮތުގަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%