ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ކުރައްސަވާލެއްވި ތަސްވީރާއި އަސްލު މަންޒަރު ގުޅުވާލެއްވީ މާ ފަރިތަކޮށް ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، 2023 ވަނަ އަހަރު މަގާމާއި ހަވާލުވެވަޑައިގެންނެވިއިރު ހުއްޓިވަޑައިގަންނަވަން ޖެހުނީ ހުރިހައި މާނައެއްގައިވެސް ހުސްކަމެއްގެ ތެރެއަށްކަމަށެވެ. މިސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު އާ ޓާމިނަލްގައި ނިމިފައިވަނީ އެންމެ 30 ޕަސެންޓެވެ. އަނެއް 70 ޕަސެންޓް ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުކަމަށް ޝަރީފް ވިދާޅުވިއެވެ.
"ކަރަންޓް ދެވޭނެގޮތެއް ނެތް. ކަރަންޓްގެ ވިއުގައެއްވެސް ނެތް. ނަރުދަމާގެ ނިޒާމެއް ނެތް. ފެން ހިންދާނެ ގޮތެއް ނެތް. ތަނަށް ބޭނުންވާނެ 12 މެގަވޯޓްގެ ކަރަންޓް ނިޒާމު އުފަންކުރީ މި ވައިގެ ބަނދަރުން އުފެއްދި ހީވަގި އަތްތަކުން. ގިމަތައެއް އޮތީތީ ހަމަ ނުހިނގާނެކަން ބުނެދިނީ ހެޑް އޮފް ސްޓޭންޑޭ އެބުނާ މަގު ވުޖޫދުގައިވެސް ނެތަތީ. އެއީ އެ މަގާއި ނުލާ ޓާމިނަލެއް އޮޕަރޭޓް ނުކުރެވޭނެ މަގެއް. ބޭރުން ފައިސާ ހޯދުން އޮތީ އިންތިހާއަށް ދަތިވެފައި. ނަމަވެސް މި މާސިންގާ ގޮންޖެހުން ބޮޑު މަސައްކަތްތައް ކޮނޑުއަޅައިގެން އަޅުގަނޑުގެ އަތުގައި ހިތްޕަވައިގެން ވަޑައިގެންނެވީ މާކުޅަދާނަ ފަހުލަވާނެއް." ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ، ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެން ހުންނެވި މާލިމީ ބަދަލުވެ އާ ޓާމިނަލުގެ މަސައްކަތް ހަލުވިކޮށްލިކަމަށާއި ރައީސް މުއިއްޒުގެ ވަޒީރުކަމުގައި ކުރައްސަވާލެއްވި ތަސްވީރާއި އަސްލު މަންޒަރު ގުޅުވާލެއްވީ މާ ފަރިތަކޮށް ކަމަށެވެ.
"..ދިވެހި ސިންގާ ސަނާގެ ހުންގާނުގައި ހިއްޕަވައި އެންމެ ފުރަތަމަވެސް އެ މާލިމީ ވަޑައިގަތީ މި ބަނދަރަށް. ބައްޕައަކު ދަރިއަކަށް ދެއްވާ މިންވަރަށް އިރުޝާދު މިކަމުގައި ދެއްވަމުން މި ގައުމުގެ ވަލީއުލްއަމްރު ވިދާޅުވަމުން ގެންދެވި މި ވައިގެ ބަދަރު ނިންމަވައި ހިދުމަތަށް ނެރެ ދިވެހިން އުފާކޮށްދޭން ތިމަންމަނިކުފާނު ހާދަ ބޭނުންވެއޭ." ޝަރީފް ވިދާޅުވި އެވެ.
މީގެ ނުވަ އަހަރު ކުރިން ތަރައްގީކުރަންފެށި ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމައި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އުފަލާ އެކު މިރޭ ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ވަނީ ފަށައިފަ އެވެ. އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމީއްޔާތުގައި، ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު ތިއޭޓްރިކަލް ޕާފޯމެންސާއި ހާއްސަ ޑްރޯން ޝޯއެއްގެ އިތުރުން ހަވާއެރުވުންވެސް ވަނީ ކުރިއަށްގެންގޮސްފަ އެވެ.