އިންޑިއާއާއެކު ރާއްޖެއިން އެކި ދާއިރާތަކުން މުހިންމު 8 އެއްބަސްވުމެއްގައި ސޮއިކޮށްފި

އަހްމަދު އީޒާން | 85 ދުވަސް ކުރިން - 25 ޖުލައި 2025 19:17
ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސަލާންކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސަލާންކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އެ އެއްބަސްވުންތައް ބަދަލުކޮށްފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި.

އިންޑިއާއާއެކު ރާއްޖެއިން އެކި ދާއިރާތަކުން މުހިންމު 8 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އިންޑިއާ އާއި ރާއްޖެއިން އެ އެއްބަސްވުންތައް ބަދަލުކޮށްފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބޮޑުވަޒީރު މޯދީގެ ހާޒިރުގައި، އެ އެއްބަސްވުންތަކުގައި ސޮއިކޮށް ދެ ގައުމުން އެއްބަސްވުންތައް ބަދަލުކުރެއްވީ އިންޑިއާގެ ފަރާތުން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އަދި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމަކާ ގުޅޭ ދާއިރާގެ މިނިސްޓަރުންނެވެ.

އިންޑިއާއެކު ރާއްޖެއިން އެކުލާވާލި އެއްބަސްވުންތަކަކީ؛

1. ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރި އެއްބަސްވުމުގެ ރަސްމީ މަޝްވަރާތައް ފެށުމުގެ އެއްބަސްވުން.

2. އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ހަމަޖައްސައިދޭ 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެއްބަސްވުން.

3. އިންޑިއާ އިން ދީފައިވާ ލައިން އޮފް ކްރެޑިޓް ލޯނުތައް އަނބުރާ ދެއްކުމުގައި ލުއިގޮތްތައް ހަމަޖެއްސުމަށް ވެވުނު އެއްބަސްވުން.

4. މަސްވެރިކަމާއި އެކުއަކަލްޗާގެ ދާއިރާއިން އެހީތެރިކަން ހޯދުމުގެ އެއްބަސްވުމެއް.

5. މޫސުމާއި ތިމާވެށީގެ ދާއިރާއިން އެހީތެރިކަން ހޯދުމުގެ އެއްބަސްވުމެއް.

6. ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާއަށް އެހީތެރިކަން ހޯދުމުގެ އެއްބަސްވުމެއް.

7. ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް ގެނައުމަށް އިންޑިއަން ޕާމަކޯޕިއާ (އައިޕީ)އާ އެކު ހެދި އެއްބަސްވުން.

8. އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ހިދުމަތް ރާއްޖޭގައި ފަށަން އެމްއެމްއޭއާ އެކު ހެދި އެއްބަސްވުން.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނެވެ.

ދިވެހި ސަރުކާރުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުންނާއި މާލެއިން މޯދީއަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%