2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާއަށް އަރައި އިހާނެތިކޮށް މުސްލިމުން މަރަން ފެށި ދުވަހުން ފެށިގެން މިއަދާއި ހަމަޔަށް އިޒްރޭލްގެ ދިފާޢީ ބާރު (އައިޑީއެފް) ގެ 38 ސިފައިން އަމިއްލައަށް މަރުވެފައިވާކަމަށް އިސްރާއީލުގެ ރޭޑިއޯއިން ބުނެފިއެވެ.
އައިޑީއެފާއި ޙަވާލާދީ އިސްރާއީލް ރޭޑިއޯއިން ބުނީ އެންމެ ތިންމަސްތެރޭ އެކަނިވެސް (20023 ގެ އޮކްޓޯބަރާއި ޑިސެންބަރާއި ދެމެދު) 17 ސިފައިން އަމިއްލަޔަށް މަރުވި ކަމަށެވެ. އަދި ޣައްޒާގެ ނަސްލު ނަތައިލުމަށް އިންކާރުކުރި ބައެއް ސިފައިން ޖަލުގައި ބަންދު ކުރާނެ ކަމަށް ބުނެ އިސްރާއީލް ސަރުކާރުން އިންޒާރު ދިން ކަމަށް ވެސް ނުރަސްމީ މަސްދަރަކުން ބުނެފައިވެއެވެ. ޣައްޒާ ހަނގުރާމައަށް ދާން ޖެހޭތީވެ އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން އިސްރާއީލުގައި މުޒާހަރާ ވެސް ކުރިއެވެ. އެ މުޒާހަރާތަކުގައި “އިސްރާއީލު އަސްކަރިއްޔާއަށް ވަނުމުގެ ބަދަލުގައި ޖަލަށް ދިޔުން ވެސް މާރަނގަޅު” ކަމަށް ބުނެ ޝުޢޫރުތައް ފާޅުކުރިއެވެ.
އިސްރާއީލު އަސްކަރިއްޔާއަށް ވަނުމުގެ ބަދަލުގައި ޖަލަށް ދިޔުން ވެސް މާރަނގަޅު ކަމަށް ބުނެ ޝުޢޫރު ފާޅުކުރަނީ. (ފައިލް ފޮޓޯ)
ޣައްޒާގައި ހިންގާ ޤަތުލުޢާންމާއި ދެކޮޅު ހެދި ސަތޭކައަށް ވުރެ ގިނަ ސިފައިން ވަނީ އަނބުރާ ތެލްއަވީވަށް ގެނެސްފައި ކަމަށާއި އަމިއްލައަށް މަރުވި މީހުންގެ ތެރޭގައި ގިނައީ ޙަމާސްގެ އަސީރުންގެ ގޮތުގައި ހައްޔަރުވާން ބޭނުންނުވާ މީހުން ކަމުގައި އައިޑިއެފުން މީގެ ކުރިން ބުނެފައި ވެއެވެ. ބައެއްފަރާތްތަކުން ބުނާ ގޮތުގައި މަޖުބޫރުން ޣައްޒާއަށް ހަނގުރާމަކުރަން ފޮނުވި ޤަތުލުޢާންމުގައި ބައިވެރިވާން ބޭނުންނުވާ ބައެއް ސިފައިން ވެސް އަމިއްލައަށް މަރުވެފައި ވެއެވެ.
ޣައްޒާގައި ހިންގާ ޤަތުލުޢާންމުގައި އިސްރާއީލުން ހީކުރި ގޮތާއި ޚިލާފަށް އެމީހުންނަކަށް ކުރިއެރުމެއް ނުލިބުނެވެ. އެހެންވެ ދެން އެމީހުން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަންފެށީ ޣައްޒާ ރައްޔިތުންނަށް ކާންނުދީ ބަނޑަށް ޖައްސައިލުމަށެވެ.
ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާއި ދެމެދުވެސް އައިޑީއެފްގެ ޖުމްލަ 891 ސިފައިން މަރުވެފައިވެއެވެ. މިއީ ޣައްޒާގެ ދިފާޢުގައި މުސްލިމުން ކުރި މަސައްކަތުގައި ޣައްޒާ ސިޓީ އާއި ލުބުނާނުގައި މަރައިލި މީހުންގެ ޢަދަދެވެ. މި އަދަދުތަކަކީ ޔޯމް ކިއްޕޫރު ހަނގުރާމައަށްފަހު އިޒްރޭލަށް އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ހަނގުރާމަ ކަމުގައި ވެއެވެ.