ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ، ދިވެހިރާއްޖެއަށް ވަޑައިގަންނަވާނީ މިހިނގާ ޖުލައި މަހުގެ 28 އިން 30 އަށް ކަމަށެވެ.
ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަގެ މިދަތުރުފުޅަކީ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒުއާއި، ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ އާއި ދެ ބޭފުޅުން ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދެ ގައުމުން އެކިދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރެވުނީ 26 ޖުލައި 1965 ގައެވެ. އަދި މިއަހަރަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރޭ މުހިންމު ތާރީހީ މުނާސަބާ ފާހަގަކުރާ އަހަރުވެސްމެއެވެ.