ބުއްދީގެ ބޭނުން ނުހިފާ އިންސާނާ ވެއްޓިފައިވަނީ ވަލުޖަނަވާރުންނަށްވުރެ ދަށު ދަރަޖައަކަށް: ހުތުބާ

އަައިޝަތު ޒީނާ | 22 ގަޑިއިރު ކުރިން - 25 ޖުލައި 2025 13:10
އިންސާނާ ކުރާ އަމަލަކުން، ނުވަތަ ވިސްނާވިސްނުމަކުން ވިޔަސް ބުއްދިއަށް އެކަމުގެ ނުބައި އަސަރުކުރާ ނަމަ އެއީ އިސްލާމްދީން ނަހީކުރާކަމެއް ކަމަށް ހުތުބާގައި ބުނި. / ފޮޓޯ: ޚުލާސާ
އިންސާނާ ކުރާ އަމަލަކުން، ނުވަތަ ވިސްނާވިސްނުމަކުން ވިޔަސް ބުއްދިއަށް އެކަމުގެ ނުބައި އަސަރުކުރާ ނަމަ އެއީ އިސްލާމްދީން ނަހީކުރާކަމެއް ކަމަށް ހުތުބާގައި ބުނި. / ފޮޓޯ: ޚުލާސާ
ޚުލާސާ

މާތް الله އިންސާނާ އެހެން މަހުލޫގާތުތަކުގެ މައްޗަށް މާތްކުރެއްވީ އޭނާއަށް ދެއްވި ވިސްނުމާއި ބުއްދީގެ ބާރުން ކަމަށް ހުތުބާގައި ބުނި.

ބުއްދީގެ ބޭނުން ނުހިފާ އިންސާނާ ވެއްޓިފައިވަނީ ވަލުޖަނަވާރުންނަށްވުރެ ދަށު ދަރަޖައަކަށް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ބުއްދި ހިމާޔަތްކުރުމާ ގުޅޭ ގޮތުން މިއަދު ދިން ހުކުރު ހުތުބާގައި ބުނީ ވަލުޖަނަވާރުންނާއި އިންސާނާ ތަފާތުވާ އެންމެ ބޮޑު ސަބަބަކީ މާތް الله އިންސާނާއަށް ދެއްވާފައިވާ ބުއްދީގެ ނިއުމަތް ކަމަށެވެ. އެގޮތުން މާތް الله އިންސާނާއަށް ދެއްވާފައިވާ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފާ، ތިމާގެ ހަވާނަފުސަށް ހެއްލި ހިތުހުރި ގޮތަކަށް އުޅޭ އިންސާނާ ވެއްޓިފައިވަނީ، ހަގީގަތުގައި ވެސް ވަލުޖަނަވާރުންނަށްވުރެ ދަށު ދަރަޖައަކަށް ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ބުއްދި ރައްކާތެރިކުރުމަކީ، އިސްލާމްދީން އެ ފަސްކަމެއް ރައްކާތެރިކުރުމަށްޓަކައި ބާވައިލެއްވުނު މައިގަނޑު މަގުސަދުތަކުގެ ތެރެއިން އެއް މަގުސަދު ކަމަށެވެ. އެގޮތުން ބުއްދި ރައްކާތެރިކުރުމުގެ މުރާދަކީ އިންސާނާގެ ބުއްދިޔަށް ގެއްލުންވެދާނެ އެންމެހައި ކަންކަމާ ދުރުކޮށް، އިންސާނާ ރައްކާތެރިކުރުން ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ އިންސާނާ ބޭނުންކުރާ ކާއެއްޗަކުން، ނުވަތަ ބޯއެއްޗަކުން، ނުވަތަ ކުރާ އަމަލަކުން، ނުވަތަ ވިސްނާވިސްނުމަކުން ވިޔަސް ބުއްދިއަށް އެކަމުގެ ނުބައި އަސަރުކުރާ ނަމަ އެއީ އިސްލާމްދީން ނަހީކުރާކަމެއް ކަމަށެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ މާތް الله އިންސާނާ އެހެން މަހުލޫގާތުތަކުގެ މައްޗަށް މާތްކުރެއްވީ އޭނާއަށް ދެއްވި ވިސްނުމާއި ބުއްދީގެ ބާރުން ކަމަށެވެ. އެގޮތުން އޭނާގެ އުފެއްދެވުމާއި ސޫރަކުރެއްވުން އެހެން މަހުލޫގުންނަށްވުރެ ފުރިހަމަވެގެންވާކަން ހުތުބާގައި ފާހަގަކުރިއެވެ.

الله އިންސާނާއަށް ދެއްވި ބުއްދީގެ ބާރުން އޭނާއަށް ހެވާއި ނުބަޔާއި، ހައްގާއި ބާތިލު ވަކިކޮށް ދަނެގަންނާން އެނގޭ ކަމަށާއި، ބުއްދިއަކީ އިންސާނާއަށް ތަކުލީފު ލިބިގެންވާ ސަބަބު ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ މާތް الله އިންސާނާއަށް ބުއްދި ދެއްވައި، ކައުނުގައި ތަފާތު ހެކިތައް ލައްވައި، ފޮތް ބާވައިލައްވައި އެ ހުރިހާ ކަމަކާ މެދު ވިސްނައި ފިކުރުކުރުމަށް އަމުރުކުރެއްވި ކަމަށެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ އިސްލާމީ ޝަރީއަތުގައި މާތް الله އާއި އެކަލާނގެ ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަންގަވަނީ އިލްމު އުނގެނުމަށް ކަމަށާއި، އިލްމީ ދިރާސާތައްކުރުމަށާއި ތަފާތު ހޯދުންތައް ހޯދުމަށް ކަމަށެވެ. އަދި ދުނިޔެއާއި އާހިރަތުގެ ލާބަޔާއި މަންފާ ލިބިގަތުމަށްޓަކައި މަސައްކަތްކުރުމަށް ކަމަށް ހުތުބާގައި ބުންޏެވެ.

ކަން މިހެން ހުރިއިރު މި ކުޑަކުޑަ މުސްލިމު މުޖުތަމައުގައި އިންސާނާގެ ހަމަބުއްދިއަށް އަސަރުކުރާ ފަދަ ނޭއްގާނީ އަމަލުތައް ކުރާކަމީ ހިތާމަކުރާންޖެހޭ ކަމެއް ކަމަށް ހުތުބާގައި ފާހަގަކުރިއެވެ. މި ވަގުތީ ހަޔާތުގައި ތިމާއަށް ލިބޭ ވަގުތީ ހިތްހަމަޖެހުމަކާއި ފައިސާގެ ދަހިވެތިކަމުގައި މި ފަދަ އެއްޗެހި ވިއްކާ މީހުންނާއި ބޭނުންކުރާ މީހުން، މާތް الله އެބައިމީހުންގެ އަމަލުތަކަށް ބައްލަވައިވޮޑިގެންވާކަމާ މެދު ގާފިލުވަނީ ކަމާމެދު ހުތުބާގައި ވަނީ ސުވާލު އުފައްދާފައެވެ. އަދި ގާފިލުކަންމަތީގައި ވަނިކޮށް، ކުއްލިއަކަށް މަރު އައިސް ތިބާއާ ބައްދަލުކޮށްފާނެކަމާ މެދު ބިރުވެތި ނުވަނީތޯވެސް ސުވާލު އުފައްދާފައިވެއެވެ.

ހުތުބާގައި ބުނީ ތިމާ ކުޅަކޮންމެ އަމަލެއް ވެސް އެ ދުވަހުގައި ބައްލަވައި އެކަމަށް ޖަޒާ ދެއްވާނެ ކަމަށެވެ. އަދި އޮންލައިންކޮށް ޖުވާކުޅުމާއި ގޮތްނޭނގޭ ތަފާތު އިސްކީމުތަކުގައި ބައިވެރިވުމީ އެކަމަށް ދެވިހިފައި މާތް الله ތިމާއަށް ދެއްވި ހަމަބުއްދީން ވިސްނައި ފިކުރުކުރުމަށް ހުރަސްއެޅި ޝައިތާނާގެ ދަންތުރައިގައި ޖެހިދާނެ ކަންކަން ކަމަށް ހުތުބާގައި ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%