ގިނަ އަދަދެއްގެ ބޭހާއި ކުޑަކުދިންގެ ކާނާ ހިފައިގެން ޣައްޒާއަށް ދަތުރުކުރަމުންދިޔަ "ހަންޒަލާ" ނަމަކަށް ކިޔާ ބޯޓެއް އިސްރާއީލުގެ ޒަޔަނިސްޓުން ކަނޑުމަތިން ހައިޖެކް ކޮށްފިއެވެ.
ޣައްޒާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގާ ކެމްޕޭނުގައި ހަރަކާތްތެރިވާ މި ބޯޓާއި އިސްރާއީލުގެ ޑްރޯންތަކުން ވަށައިލިކަމަށް މަސްދަތުރައް ބުނެއެވެ. އެއަށްފަހު އެ ބޯޓަކަށް ނުގުޅޭ ކަމަށާއި ބޯޓުގައި ތިބި އެއްވެސް މީހަކާއި މުޢާމަލާތް ނުކުރެވޭ ކަމަށް މަސްދަރުތަކުން ބުނެއެވެ.
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ޔަޤީންކޮށްދީފައިވާ ގޮތުގައި، އެ ބޯޓުގައި ޣައްޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ހާއްސަކޮށް، ބޭސްފަރުވާގެ ސާމާނު، ކާބޯތަކެތި، ކުޑަކުދިންގެ ކިރު އަދި ކުޑަކުދިންނަށް ދޭ ބޭސް ފަދަ އިންސާނީ އެހީގެ ގިނަ ތަކެތި ހުއްޓެވެ. ބޯޓުގައި ޑޮކްޓަރުންނާއި، އިންސާނީ ޙައްޤުތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، ނޫސްވެރިން ވެސް ހިމެނެއެވެ.
ބޯޓު ހައިޖެކް ކުރިކަން އެއްވެސް ރަސްމީ ފަރާތަކުން ކަށަވަރުކޮށްފައި ނުވިޔަސް، އޭގެ ނެވިގޭޝަން އަދި ޓްރެކިންގ ސިސްޓަމްތަކާއި ހުރިހާ މުވާސަލާތީ ނިޒާމްތައް ނިއްވާލައި ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި ބޯޓު ޑްރޯންތަކުން ވަށާލާފައި ހުރިއިރު، ބޯޓު މިހާރު އޮތް ލޮކޭޝަނާއި، ބޯޓުގައި ތިބި މީހުންގެ ސަލާމަތާ ބެހޭ ގޮތުން އެއްވެސް ރަސްމީ މައުލޫމާތެއް ލިބިފައިނުވާތީ، އެ ބޯޓު ހައިޖެކް ކުރީ ކަމަށް ނުރަސްމީ ޗެނަލްތަކުން ބުނެއެވެ.









