ހުޅުމާލޭގައި އެކްސިޑެންޓް ވުމަށް ފަހުގައި މަޑުނުކޮށް ދިޔަ ކާރަކުން ފޭބި ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން މިއަދު ވަނީ އެ ދެމީހުން ކާރުގައި ގޮސް އެހެން ސަރަހައްދަކަށް މަޑުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

އެ އވީޑިއޯ އިން ފެންނަ ދެ މީހުންނަކީ ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުން އަންނަ ހުޅުމާލެ 2 ވިނަރެސް 1 ކައިރި ރައުންޑްއެބައުޓް ތެރެއިން ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓް ވުމަށް ފަހު, މަޑުނުކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އެ މީހުންނަކީ ކާކުކަން އަދި ދެނެގަނެވިފައިނުވާ ބަޔަކު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ, އެ މައުލޫމާތު ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9772111 އަށް ގުޅާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.

"މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުން އަންނަ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ," ފުލުހުން ބުންޏެވެ.