ނ. ވެލިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މަޝްވަރާކުރައްވައިފި އެވެ.
ވެލިދޫ ކައުންސިލް އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަގުސަދަކީ ރަށުގެ ތަރައްގީއަށް ހުރި ގޮންޖެހުންތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ އަޑުއައްސަވައި، އެކަންކަމަށް ހައްލު ހޯދުމަށް މަޝްވަރާކުރުމެވެ.
މި ބައްދަލުވުމުގައި، ކައުންސިލް މެންބަރުން ވަނީ ވެލިދޫގެ މުހިންމު އެތައް މައްސަލައަކާ ގުޅޭގޮތުން ފުންކޮށް މަޝްވަރާކުރައްވާފައެވެ. އޭގެ ތެރޭގައި ރަށްގިރުމުގެ ނުރައްކާތެރި މައްސަލައާއި، ރައްޔިތުންގެ މުނިފޫހިފިލުވުމަށް ފަޅުރަށެއް ކަނޑައެޅުމުގެ މުހިންމުކަން ހިމެނެއެވެ. އަދި ހަމައެއާއެކު، ރަށުގައި އިތުރު ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ ބޭނުންތެރިކަންވެސް ފާހަގަކުރެވުނެވެ.
މީގެއިތުރުން، ރަށުގެ އުމްރާނީ ތަރައްގީއާ ގުޅޭ މައްސަލަތަކަށްވެސް އިސްކަމެއް ދެވުނެވެ. މިގޮތުން، މަގުހެދުމުގެ މަސައްކަތް އަވަސްކުރުމާއި، ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމާއި، އަދި އަލަށް އާބާދުވާ ސަރަހައްދުތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެވުނެވެ. އަދި ވެލިދޫ ސްކޫލުގެ ޖާގައިގެ ދަތިކަމާ ގުޅިގެން ދަރިވަރުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް އިޖާބަދެއްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި ބައްދަލުވުމުގައި ބައިވެރިވި ސަރުކާރުގެ އިސްވެރިން މެދުވެރިކޮށް، ރަށުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވި އެވެ.