ގައުމީ ލޯބީގެ ކުރިމަތީގައި ސިޔާސީ އޮއިވަރަކީ މާނައެއް ނެތް އެއްޗެއް: ރައީސް

އަހްމަދު އީޒާން | 1 ދުވަސް ކުރިން - 23 ޖުލައި 2025 01:05
ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. ވެލިދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. ވެލިދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ހިޔާލު ތަފާތު ވިޔަސް، އެއްބާރުލުން ދެއްވުމަށް، އިންތިހާބީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ރައީސް އިލްތިމާސްކުރެއްވި.

ގައުމީ ލޯބީގެ ކުރިމަތީގައި ސިޔާސީ އޮއިވަރަކީ އެއްވެސް މާނައެއް ނެތް އެއްޗެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރޭ ނ. ވެލިދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވިދާޅުވީ ތަރައްގީއަށް ކުރާ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމުގައި ރައްޔިތުން އިންތިހާބުކޮށްފައި ތިއްބަވާ ބޭފުޅުންގެ އެއްބާރުލުން މުހިންމު ކަމަށެވެ.

އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ނިސްބަތްވެވެޑައިގަންނަވާ ސިޔާސީ ޕާޓީއަކީ ރައްޔިތުންނަށް ހިދުމަތްކުރެއްވުމަށް އޮތް ހުރަހަކަށް ވެގެން ނުވާނޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކައުންސިލަރުންގެ ފުރިހަމަ އެއްބާރުލުމާއެކު، އެފަދަ މަސައްކަތްތައް މާ ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ހިޔާލު ތަފާތު ވިޔަސް، އެއްބާރުލުން ދެއްވުމަށް، އިންތިހާބީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ރައީސް އިލްތިމާސްކުރެއްވި އެވެ.

ރައީސް ވިދާޅުވީ ޒާތީ ނުވަތަ އަމިއްލަ ކަންކަމަށް ވުރެ ގައުމު އިސްކުރާ ބަޔަކަށް އެންމެން ވާންޖެހޭ ކަމަށެވެ.

ދިވެހި ދަރީންނަށް ދިވެހި ގައުމު ރައްކާތެރިކަމާއެކު ފޯރުކޮށްދެވެން އޮތީ، އަމިއްލަ ނަފުސަށް ވުރެ ގައުމު އިސްކޮށް، ގައުމީ ލޯތްބާއި އިހުސާސް އަށަގެންނެވުނު މިންވަރަކުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމިއްޔަތު އިސްކޮށްގެން މެނުވީ ހަގީގީ ތަރައްގީ ނާންނާނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%