ވެލިދުއަށް ޖެނުއަރީ މަހު ސީޕްލޭން ދަތުރުތައް ފަށާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

އަހްމަދު އީޒާން | 6 ގަޑިއިރު ކުރިން - 23 ޖުލައި 2025 00:35
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެލިދޫ ކައުންސިލާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެލިދޫ ކައުންސިލާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ގާއިމްކޮށް، އަންނަ ޖެނުއަރީ މަހު ސީޕްލޭން އޮޕަރޭޝަންތައް ފަށާނެ ކަަމަށް.

ނ. ވެލިދުއަށް އަންނަ އަހަރުގެ ޖެނުއަރީ މަހު ސީޕްލޭން ދަތުރުތައް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިރޭ ވެލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެ ރަށް ކައިރީގައި އެއާޕޯޓެއް އެޅުމުގެ ކުރިން ވެސް އެ ރަށަށް ވައިގެމަގުން ދަތުރުކުރެވޭނެ ގޮތް ގާއިމްކުރުން މުހިންމު ކަމަށެވެ.

"އެއާޕޯޓެއް އެޅެންދެން ބޭނުންކުރަން އަދި އެއާޕޯޓަށް ފަހު ވެސް އެކި ބޭނުންތަކަށް ބޭނުންކުރަން މި ރަށުގައި ސީޕްލޭން ޕްލެޓްފޯމެއް ގާއިމްކޮށް، އަންނަ ޖެނުއަރީ މަހު ސީޕްލޭން އޮޕަރޭޝަންތައް ފަށާނަން،" ރައީސް ވިދާޅުވި އެވެ.

ވެލިދޫގައި ސީއެމްބިއުލާންސެއް ވެސް ބަހައްޓައިދޭނެ ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.

ނ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ދެ ރަށް ކަމަށްވާ ވެލިދު އާއި ހޮޅުދޫގެ އިތުރުން ފޮއްދޫ ކައިރީގައި އެއާޕޯޓެއް އެޅުމުގެ ގޮތުން ނ. ވިހަފަރު ފިނޮޅުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ފަށާނެކަން ރައީސް ރޭ ވަނީ އިއުލާންކުރައްވައިފަ އެވެ. އެ މަޝްރޫއު އިއުލާންކުރެއްވީ ރޭ ހޮޅުދޫގައި ބޭއްވި ޖަލްސާގަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%