ރ. އަލިފުށީ ހޮސްޕިޓަލާއި އެއާޕޯޓް އަންނަ އަހަރު ނިންމައި ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ، އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އަލިފުށީގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މިއީ 128 މިލިޔަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
ރައީސް ވިދާޅުވީ ޞިއްޙީ ދާއިރާ އަކީ މި ސަރުކާރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަމުން ގެންދަވާ އެއް ދާއިރާ ކަމަށާއި، ރަށްރަށަށް ބޭނުންވާ ޢުމްރާނީ މަސައްކަތްތައް ކުރުމަށް އެމްޓީސީސީ އަށް ބޭނުންވާ ފައިސާގެ ކަންކަން ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި އަލިފުށީގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަޝްރޫޢު ވެސް ޙަވާލުކޮށްފައި ވަނީ އެމްޓީސީސީ އާއި ކަމަށާއި، އެ މަސައްކަތް މާލަސްތަކެއް ނުވެ ފަށާނެއެވެ. އެ ރަށަކީ ސްޓްރެޓެޖިކް ލޮކޭޝަނަކަށް ވާއިރުގަ އެތަނުގެ އެއާޕޯޓެއް ހުރުން އެއީ ކޮންމެހެން ބޭނުން ކަމަކަށް ވާތީވެ، އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދާއި އެކު އެކަން ޙަޤީޤަތަކަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”އެމްޓީސީސީ އަށް ބޭނުންވާ މެޓިރިއަލް ގަތުމަށްޓަކާ ފައިނޭންޝިއަލް ސަޕޯޓް ވާނީ ހަމަޖައްސައިދީފަ. އިރާދަކުރެއްވިއްޔާ މާލަސްތަކެއް ނުވެ އެމްޓީސީސީގެ ފަރާތުން އެ ޕްރޮޖެކްޓުގެ މަސައްކަތް ތަކެތި ހޯދާފަ އަރުވާފަ ފަށްޓާނެ.
ރައީސް ޑރ. މުއިއްޒު
އަލިފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ އަހަރު މުޅީން ނިންމާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަލިފުށީ އެއާޕޯޓު ވެސް މިދައުރުތެރޭގައި ނިންމާ ހުޅުވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ މާޗު މަހުގެ ދެވަނަ ދުވަހު ރ. އަލިފުށްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އަލިފުށީ އެއާޕޯޓް މަޝްރޫއަކީ ރަށުގެ ރައްޔިތުން އެންމެ ބޮޑަށް އެދޭ އަދި އެންމެ އިސްކަންދޭ މަޝްރޫއު ކަމަށްވުމުން، އެކަން ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށެވެ،
މީގެ އިތުރުން އެއާޕޯޓް ތަރައްގީ ކުރުމާއި އެކުއެކީގައި، އިތުރަށް ބިން ހިއްކައިގެން އެ ރަށުގައި އިންޑަސްޓްރިއަލް ޒޯނެއް (ސިނާއީ ސަރަހައްދެއް) ގާއިމުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މި އިންޑަސްޓްރިއަލް ޒޯނާއި އެއާޕޯޓުގެ ސަބަބުން ރަށުން ބޭރަށް ނުގޮސް އަމިއްލަ ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިވެ، އަލިފުށީގެ އިގްތިސާދީ ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، 28 މާރިޗު 2024 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ނެރުއްވި ރިޔާސީ ގަރާރެއްގެ ދަށުން، ރާއްޖޭގައި އަލަށް އަޅާ އެއާޕޯޓުތަކާއި ކުރިއަށްދާ އެއާޕޯޓުތަކުގެ ތެރޭގައި ރ. އަލިފުށީ އެއާޕޯޓު ވަނީ ރަސްމީކޮށް ހިމަނުއްވާފައެވެ. އެހެންކަމުން އަލިފުށީ ރައްޔިތުންގެ ހުވަފެންތައް މި ސަރުކާރުން ހަގީގަތަކަށް ހަދާނެއެވެ.
ރައީސް ވިދާޅުވީ އެކި ރަށްރަށުގެ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތައްވެސް އެ ޕްރޮޖެކްޓުގެ ބޮޑުކުޑަމިނަށް ބަލައި ވަކި ތަރުތީބަކުން ވަނީ މިހާރު ތާވަލު ކުރެވިފައި ކަމަށާއި އަންނަ އަހަރުގެ މެދުތެރެއަށް ބައެއް ޕްރޮޖެކްޓުތައް މުޅީން ނިންމާލެވޭނެ ވަރު ވާނެ ކަމަށެވެ.









