ހުއްޓިފައި ހުރި މަޝްރޫއުތައް ފެށުމާއި އާ މަޝްރޫއުތަކެއްގެ އުއްމީދު މަގޫދުއަށް!

އަހްމަދު އީޒާން | 11 ގަޑިއިރު ކުރިން - 23 ޖުލައި 2025 19:57
ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. މަގޫދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. މަގޫދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ މަގޫދޫގެ ތަރައްގީއަށް ހިންގަން ޖެހިފައިވާ މުހިންމު މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރެވި، އަމަލީ މަސައްކަތްތައް ފެށޭ މަންޒަރު ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ފެންނާނެ ކަމަށް.

ނ. މަގޫދޫގައި ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފެށުމާއި އާ މަޝްރޫއުތަކެއް އުއްމީދު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފި އެވެ.

ރައީސް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މަގޫދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެ ރަށުގެ ތަރައްގީއަށް ހިންގަން ޖެހިފައިވާ މުހިންމު މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރެވި، އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ފެށޭ މަންޒަރު ކުރިއަށް އޮތް ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ފެންނާނެ ކަމުގެ ޔަގީކަން ދެއްވާ ކަމަށެވެ.

ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް އެ ރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ ކަންކަން ހިނގާފައި އޮތް ގޮތަށް ބައްލަވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ކަންކަން ރޭވިފައި ވަނީ، އެއް ކުންފުނި އަނެއް ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދޭ ބީދައިން ކަމަށެވެ.

އެ މަޝްރޫއަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތްތައް އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދާއިރު، މަޝްރޫއު ހިންގަން ބޭނުންވާ އިންސާނީ ވަސީލަތުގެ ކަންކަން ހަމަޖައްސަމުން ގެންދާނީ ފެނަކަ އިން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަން ރާވާފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގައި އަންނަ ސެޕްޓެމްބަރު މަހާ ހިސާބުގައި ސޮއިކުރެވި، މާ ލަސްތަކެއް ނުވެ އަމަލީ މަސައްކަތްތައް ފެށޭނެ ކަމަށެެވެ. އޭގެ ތެރޭގައި މަގޫދޫގައި އަލަށް ފަށަން ހުރި ބައެއް މަޝްރޫއުތައް ވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

މަގޫދޫގައި އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި ރަށުގެ ސިއްހީ މަރުކަޒަށް ޖާގަ އިތުރުކުރުމަށް އަޅާ އެކްސްޓެންޝަން އިމާރާތާއި ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ މަޝްރޫއު ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ވެސް އެ ރަށަށް ބޭނުންވާ ތަރައްގީ ގެނެސްދެއްވާނެ ކަމަށެވެ.

އެ ރަށު ސިއްހީ މަރުކަޒަށް މިވަގުތު ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަމަށް ވެސް، ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަގޫދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ހިންގާ މަޝްރޫއުގައި އަންނަ މަހު ސޮއިކުރާއިރު، މޫދަށް އެރި އުޅެވޭ ސަރަހައްދެއް ތަރައްގީކުރަން ވެސް އެ މަޝްރޫއުގައި ހިމަނާނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%