އިސްރާއީލަށް މަތަނުކުރެވޭ ވަރުގެ ކުޅަދާނަ މިސައިލެއް ތުރުކީވިލާތުން ތަޢާރަފްކޮށްފި

ޢަބްދުﷲ ޖުނައިދު | 9 ގަޑިއިރު ކުރިން - 23 ޖުލައި 2025 14:39
ތުރުކީވިލާތުން އަލަށް ތަޢާރަފްކުރި ހައިޕަސޮނިކް މިސައިލް ތައިފުން ބްލޮކް-4- ދައްކާލަނީ.
ތުރުކީވިލާތުން އަލަށް ތަޢާރަފްކުރި ހައިޕަސޮނިކް މިސައިލް ތައިފުން ބްލޮކް-4- ދައްކާލަނީ.
ޚުލާސާ

ތުރުކީވިލާތުން އެ ޤައުމުގެ ފުރަތަމަ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލް، ތައިފޫން ބްލޮކް -4- ދައްކާލައިފި. މި މިސައިލް ހުއްޓުވޭނެ ޤާބިލްކަމެއް އިސްރާއީލަށް ލިބިގެންނުވޭ.

ތުރުކީވިލާތުން ގަލްފާއި މެދުއިރުމަތީގައި ހުންނަ އެމެރިކާގެ ބޭސްތަކަށް ޙަމަލާ ދެވޭ ވަރުގެ ޤާބިލްކަން ލިބިފައިވާ ހައިޕަރސޮނިކް މިސައިލެއް އިސްތަންބޫލްގައި މިހާރު ކުރިޔަށްދާ ބައިނަލްއަޤްވާމީ ޑިފެންސް އިންޑަސްޓްރީ ފެއާގައި ތަޢާރަފް ކޮށްފިއެވެ.

ތުރުކީވިލާތުގެ ރޮކެޓްސަން އިން އުފެއްދި 7 ޓަނަށްވުރެ ބަރު، “ތައިފުން ބްލޮކް-4" ގެ ނަމުން ނަން ދީފައިވާ މި ހަލުވި މިސައިލަކީ އިސްރާއީލުގެ 'އަޔަން ޑޯމް' އާއި 'ޑޭވިޑްސް ސްލިންގް' ފަދަ މިސައިލް ދިފާޢީ ނިޒާމުތަކަށް ހުރި ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. އަޑަށް ވުރެ ފަސްގުނަ ބާރަށް (ސިކުންތަކު 340 މީޓަރު) ދަތުރުކުރާ މި މިސައިލުން އެމެރިކާއިން ޤަތަރުގައި ހަދާފައިވާ މިލިޓަރީ ބޭހާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަލް ދަފްރާ އެއާ ބޭސް، އަދި ސައިޕްރަސް ގައި ހުންނަ އެމެރިކާގެ ފެސިލިޓީތަކާއި، ގްރީސް އާއި ބަހްރައިންގައި ހުންނަ އެމެރިކާގެ ބޭހާއި ހަމަޔަށް ވާޞިލް ވާނެއެވެ. މެދުއިރުމައްޗާއި އިރުމަތީ މެޑިޓެރޭނިއަން ކަނޑުގައި ހުންނަ އެމެރިކާގެ ގިނަ މަރުކަޒުތަކަށް ޙަމަލާ ދެވޭނެ ޤާބިލްކަން މި މިސައިލަށް ލިބިގެންވެއެވެ.

މި ފެއާގައި ތުރުކީވިލާތުން ވަނީ އަޕްގްރޭޑް ކޮށްފައިވާ އަސްކަރީ ޑްރޯންތަކާއި ބަރު ވެހިކަލްތަކާއި ޖެޓް ވެސް ދައްކާލާފައެވެ.

ހަނގުރަމަމަތީގައި ބޭނުންކުރާ ތުރުކީވިލާތުން އަޕްގްރޭޑް ކޮށްފައިވާ އައު އުފެއްދުންތަކެއްގެ ކޮލާޖެއް.

އިރުމަތީ މެޑިޓެރޭނިއަން ސަރަޙައްދުގައި އެންމެ ކުޅަދާނަ މިސައިލް ހުރި ކަމަށް ދަޢުވާކުރާ އިސްރާއީލަށް މިހާރު ވަނީ ތުރުކީވިލާތުގެ ތައިފުން ބްލޮކް-4- ގެ ސަބަބުން އާ ގޮންޖެހުމަކާއި ކުރިމަތިލާން ޖެހިފައެވެ. ސަބަބަކީ ތުރުކީވިލާތުގެ މި އައު މިސައިލުން ތެލްއަވީވް، ހައިފާ އަދި ޑިމޯނާގެ ނިއުކްލިއާ ފެސިލިޓީ އަށް ވެސް ބޭނުން ކޮންމެ ވަގުތަކު ޙަމަލާ ދެވިދާނެތީއެވެ.

10 މީޓަރު ދިގު، 938 އެމްއެމް ފުޅާމިނުގެ މި މިސައިލް އުފެއްދި ރޮކެޓްސަންގެ ސީއީއޯ މުރާތު އިކިންޖީ ސިފަކުރައްވާ ގޮތުގައި ބްލޮކް-4 އަކީ ވައިގެ ދިފާއީ ނިޒާމުތަކާއި، ކޮމާންޑް ސެންޓަރުތަކާއި، އަސްކަރީ މުހިންމު ތަންތަން ނައްތާލުމުގެ ގާބިލްކަން ހުރި މަލްޓި ޕާޕަސް ވޯހެޑެކެވެ.

މި މިސައިލް ވިއްކާކަށް ތުރުކީވިލާތުން އަދި ނުނިންމާ ކަމަށް ވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%